އެމްޓީޑީސީ އާއި ޔޮޓް ޓުއާސްގެ މައްސަލަ: 10 މިލިއަން ޑޮލަރުގެ ބޭންކް ގެރެންޓީ ހިފެހެއްޓުމަށް ހައި ކޯޓުން އަމުރު ނެރެފި

ބޭންކް ގެރެންޓީގެ ގޮތުގައި ޔޮޓް ޓުއާސް މޯލްޑިވްސް އިން ބަހައްޓާފައި ހުރި 10،647،389 ޑޮލަރު ހޯދުމަށް، އެމްޓީޑީސީން ހަބީބު ބޭންކް ލިމިޓެޑަށް ހުށަހަޅާފައިވަނިކޮށް، އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ހައިކޯޓުން އިއްޔެ އަމުރު ނެރެފި އެވެ.
ޔޮޓް ޓުއާސްގެ 10.6 މިލިއަން ޑޮލަރުގެ ބޭންކް ގެރެންޓީ އަށް ވާ ފައިސާ ދޫކުރުމާ ގުޅޭ ގޮތުން، މައުލޫމާތު ދިނުމަށް ހަބީބު ބޭންކުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެ ބޭންކުގެ ސީނިޔާ ވައިސް ޕްރެޒިޑެންޓް އަދި ކަންޓްރީ މެނޭޖަރު މުހައްމަދު ޖަމީލް އަންޖުމް، ވިދާޅުވީ، 10 މިލިއަން ޑޮލަރުގެ ބޭންކް ގެރެންޓީއާ ގުޅޭ ގޮތުން އެ ބޭންކުން ކަންބޮޑުވާ ހިސާބަށް ބައެއް ކަންތައްތައް ގޮސްފައިވާ ކަމަށެވެ. އަދި ބޭންކް ގެރެންޓީ ދޫނުކޮށް ވަނީ އޭގައި ސަބަބުތަކެއް ނެތިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ބޭންކް ގެރެންޓީ ހޯދުމަށް އެމްޓީޑީސީން ]ލިޔުމަކުން[ އެދުނީ ޖެނުއަރީ 14 ވަނަ ދުވަހު. އެހެން ނަމަވެސް އޭގެ ފަހުން އެ ލިޔުމަށް އަމަލުނުކޮށް މަޑުކޮށްދިނުމަށް ވެސް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ]މުހައްމަދު[ މިހާދު ފޯނުކޮށްފައި އަޅުގަނޑު ގާތު އެދުނު،" އަންޖުމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ހުށަހެޅި ހުށަހެޅުމަށް ބޭންކު ގެރެންޓީ ދޫނުކުރީ، އެއްވެސް ފަރާތަކަށް އެ ފައިސާ ދޫނުކުރުމަށް ޖެނުއަރީ 18 ވަނަ ދުވަހު މަދަނީ ކޯޓުން، ކޯޓު އަމުރެއް ނެރުމާ ގުޅިގެންނެވެ.
"ދެން 28 އެޕްރީލްގައި އެމްޓީޑީސީން ސިޓީއެއް ފޮނުވާފައި އެދުނީ ބޭންކު ގެރެންޓީ ދޫކޮށް ދިނުމަށް،" އޭނާ ވިދާޅުވި އެވެ.
އަންޖުމް ވިދާޅުވީ 29 ވަނަ ދުވަހު އެމްޓީޑީސީގެ ބައެއް އިސް ބޭފުޅުން، ބޭންކު ގެރެންޓީއާ ގުޅޭ ގޮތުން އޭނާއާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެމްޓީޑީސީން ހުށަހަޅާފައިވާ ހުށަހެޅުމަށް ބައްލަވައި، ބެންކު ގެރެންޓީ އަށް ވާ ފައިސާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމަށެވެ.
އަންޖުމް ވިދާޅުވީ ބޭންކް ގެރެންޓީ ހޯދުމަށް އެމްޓީޑީސީން ހުށަހެޅި ސިޓީއާ އެކު، މަދަނީ ކޯޓުން މައްސަލަ ނިންމި ގޮތުގެ، ދިވެހި ބަހުން އޮތް ރިޕޯޓު ވެސް ފޮނުވި ކަމަށެވެ.
"އަޅުގަނޑު ލޯޔަރާ ހަވާލުކޮށްގެން ބެލިއިރު އޭގައި ނެތް، ކުރިން ނެރުނު އަމުރު ބާތިލުކޮށްފައެއް. އެކަމަކު ޖެހިގެން އައި ދުވަހު އެ އަމުރު ބާތިލުކުރިކަން ކޯޓުން އަޅުގަނޑަށް އެންގި،" އޭނާ ވިދާޅުވި އެވެ. "އެމްޓީޑީސީގެ ހުރިހާ ހިއްސާދާރުންނަށް ވެސް ޔަގީންކޮށްދޭން އަޅުގަނޑު ބޭނުން ބޭންކު ގެރެންޓީ އަށް ވާ ފައިސާ އަޅުގަނޑުމެން ދޫކުރާނެކަން. އެކަމަކު އަދި މިހާތަނަށް އައިއިރު ވެސް ފައިސާ ހޯދުމަށް އެމްޓީޑީސީން ބޭންކު ގެރެންޓީގެ އަސްލު ހުށަހަޅައިފައެއްނުވޭ. އެއްވެސް ބޭންކަކުން ބޭންކު ގެންޓީއެއް ދުލެއްނުކުރާނެ އޭގެ އަސްލު ހުށަނާޅަނީހެން. އަޅުގަނޑުމެންނަށް ލިބިފައި އޮތީ އެންމެ ފުރަތަމަ ސިޓީއާއެކު ފޮނުވި (ގެރެންޓީގެ) ކޮޕީ."
އަންޖުމް ވިދާޅުވީ ބޭންކް ގެރެންޓީގެ އަސްލު ހުށަހެޅުމަށް އެމްޓީޑީސީ އަށް ސިޓީއަކުން އެންގުމަށް އިއްޔެ ނިންމާފައިވަނިކޮށް، ބެންކް ގެރެންޓީ އަށް ވާ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ހައި ކޯޓުން އިއްޔެ މެންދުރު ފަހު އަމުރު ނެރެފައިވާ ކަމަށެވެ.
"މި އޮތީ އިއްޔެ ހައި ކޯޓުން އަޅުގަނޑަށް އެންގި އެންގުން. މީގައި މިއޮތީ ހައި ކޯޓުން ވަކި ގޮތެއް ނާންގަނީސް އެއްވެސް ފަރާތަކަށް ފައިސާ ދޫނުކުރުމަށް. މި ސިޓީގެ އަސްލެއް އަދި އަޅުގަނޑަކަށް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ހަވީރު 58: 4 ގައި ހައި ކޯޓުން ހަބީބު ބޭންކަށް ފެކްސްކޮށްފައިވާ ސިޓީ އޭނާ މީޑިޔާ އަށް ދެއްކެވި އެވެ. ހައި ކޯޓުގެ އިސް ގާޒީ އަބްދުލް ޣަނީ މުހައްމަދު ސޮއިކުރައްވައި ނެރުއްވާފައިވާ އެ އަމުރުގައި ބުނެފައިވަނީ، އެމްޓީޑީސީ އާއި ޔޮޓް ޓުއާސްއާ ގުޅޭ ގަޒިއްޔާ ނަމްބަރު 141/އެމްސީ/ 2009 ގެ މައްސަލަ ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލައި ނިންމަންދެން ނުވަތަ ހައި ކޯޓުން އިތުރު އެންގުމެއް އަންގަންދެން ބޭންކް ގެރެންޓީ އަށް ވާ 10 މިލިއަން ޑޮލަރު އެއްވެސް ފަރާތަކަށް ދޫނުކުރުމަށެވެ.
އަންޖުމް ވިދާޅުވީ ބެންކް ގެރެންޓީގެ މައްސަލާގައި އޭނާ މީޑިޔާއާ ބައްދަލުކުރެއްވީ، ބޭންކް ގެރެންޓީ ދޫނުކޮށް ހިފަހައްޓަމުން ދާކަމަށް ބުނެ ބައެއް ފަރާތްތަކުން އެސްއެމްއެސް ދައުރުކުރުމާ ގުޅިގެން، ކާކުކަން ސާފުކޮށްދޭ ބޭނުންނުވާ ބައެއް ފަރާތްތަކުން އެމްޓީޑީސީގެ ހިއްސާދާރުންގެ ނަމުގައި ބޭންކަށް ގުޅައި، ބޭންކް ކައިރީ މުޒާހަރާކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާތީ އެވެ. އޭނާ ވިދާޅުވީ ބޭންކް ގެރެންޓީގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރައި، ހިއްސާދާރުން ނުތަނަވަސް ކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަބީބު ބޭންކަކީ 25 ގައުމެއްގައި ބްރާންޗުތައް ހިންގާ ބައިނަލްއަގުވާމީ ބޭންކަކަށް ވާއިރު، ބޭންކު ގެރެންޓީ ދޫނުކޮށް ހިފަހައްޓާނެ ކަމަށް ގަބޫލުކުރުމުގެ ޖާގައެއް ނެތެވެ. އަދި އެއްވެސް ފަރާތެއްގެ ނުފޫޒެއް އެފަދަ ކަމެއްގައި ބޭންކަށް ނުހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީޑީސީން ވަނީ ބޭންކް ގެރެންޓީ ދޫކުރުން ހަބީބު ބޭންކުން ގަސްދުގައި ލަސްކުރަމުން ދާކަމަށް ބުނެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ހަބީބު ބޭންކުން ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އެމްޓީޑީސީން މިއަދު ބުނީ އެކަމާ ގުޅޭ ގޮތުން އެ ކުންފުނިން މިއަދު ބަޔާނެއް ނެރޭނެ ކަމަށެވެ. ނަމަވެސް ނޫސް ޗާޕަށް ދިޔައިރު ހަވީރަށް އެ ބަޔާން ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ