ސުޕްރީމް ކޯޓަށް ދާތީ ނަޝީދާ ބައްދަލުކުރަން އިތުރު ވަގުތު ދޭން ވަކީލުން އެދެފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މަސައްކަތް ކުރަމުންދާތީ ނަޝީދާ ޖަލުގައި ބައްދަލުކުރަން އެކަށީގެންވާ ވަގުތު ދޭން ވަކީލުން އެދެވަޑައިގެންފި އެވެ. ޓެރަރިޒަމްގެ ކުށުގައި ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ނުކުރަން އެމަނިކުފާނުގެ ފަރާތުން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނަޝީދުގެ ފަރާތުން މިހާރު ވަނީ ނިންމަވައިފަ އެވެ. ނަޝީދުގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލުންގެ ޓީމުގައި ހިމެނޭ ހަސަން ލަތީފް ވިދާޅުވީ ނަޝީދާ ބައްދަލުކުރަން ވަކީލުންނަށް ލިބެނީ ދެ ގަޑިއިރު ކަމަށާއި އެއީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ. މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމުމުން އިތުރު ދެ ބައްދަލުވުމެއް ނަޝީދާ އެކު ބޭއްވުމުގެ ފުރުސަތު ފަހިކޮށްދީފައި ވިޔަސް ކޮންމެ ބައްދަލުވުމެއްގައި ލިބެނީ ދެ ގަޑިއިރު ކަމަށްވާތީ އެއީ އެކަށީގެންވާ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ދުވާލަކު މަދުވެގެން ހަތަރު ނުވަތަ ފަސް ގަޑިއިރުގެ ބައްދަލުވުމެއް ނަޝީދާ އެކު ބޭއްވޭނެ އިންތިޒާމް ހަމަޖައްސައިދޭން ހަސަން އެދިވަޑައިގަތެވެ. "ޝަކުވާއެއް ކުރުމުގެ ނިޔަތުގައެއް ނޫން. އެކަމަކު ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް އަވަހަށް ލާން ބޭނުންވާތީ އެކަން ސަރުކާރަށް ފެސިލިޓޭޓް ކޮށްދެވޭނެ ކަމަކަށްވާތީ ދަންނަވަނީ،" ނަޝީދާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު މާލެ ވަޑައިގެން ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލައިގެ ލިޔުންތައް ގިނަކަމުން ގިނަ ވަގުތުތަކެއް ދިރާސާ ކުރަން ހޭދަވާ ކަމަށާއި ވަކީލުން މިހާރު ވެސް މަސައްކަތް ކުރައްވަނީ ނިދުމެއް ވެސް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައްދަލުވުންތަކުގެ ވަގުތު އިތުރު ކުރުމާ އެކު ލެޕްޓޮޕް ފަދަ ވަސީލަތްތައް ވެސް އެތަނުގައި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސަން އޭނާ އެދިވަޑައިގަތެވެ. ހަސަން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާ މިހާރު ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ވެސް ބައްދަލުކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަޝީދު ޖަލަށްލާން ހުކުމްކޮށްފައިވަނީ ވެރިކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ