ހައި ކޯޓަށް ނުގޮސް، ނަޝީދު ސުޕްރީމް ކޯޓަށް، ހިޔާލު ތަފާތުވުން ހުރި މައްސަލައެއް!
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރަން މިހާރު މިވަނީ ނިންމަވައިފަ އެވެ. ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު ފޯރާފައިވާ ކަމަށް ވިދާޅުވެ، އަމިއްލަފުޅަށް އިސްތިއުނާފް ނުކުރައްވަން ނަޝީދު ނިންމެވި ނިންމުން ބަދަލުކުރައްވައި ނަޝީދުގެ ފަރާތްޕުޅުން މި ފަހުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ. އެކަމަކު ހައި ކޯޓަށް ނުގޮސް ނަޝީދަށް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިދާނެތޯ މިއީ ބައެއް މީހުން އުފައްދާ ސުވާލެކެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ދަށު ކޯޓުގެ ނިންމުންތައް އިސްތިއުނާފްކުރާނީ ހައި ކޯޓްގަ އެވެ. ސުޕްރީމް ކޯޓަށް ދެވޭނީ އެ މައްސަލައެއްގައި ހައި ކޯޓުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ އެވެ. މާނައަކީ ހައި ކޯޓު މަރުހަލާ ނިންމުމަށް ފަހު ނޫނީ ސުޕްރީމް ކޯޓަށް ނުދެވޭނެ ކަމެވެ. އެކަމަކު ހައި ކޯޓު މަރުހަލާ ފުރިހަމަ ނުކޮށް ސުޕްރީމް ކޯޓަށް ދާން ނިންމުމުގައި ނަޝީދުގެ ވަކީލުން ވެސް ފާހަގަކުރައްވާ ބައެއް ކަންތައްތައް އެބަ ހުއްޓެވެ. އެގޮތުން ނަޝީދުގެ މައްސަލަ ދަށު ކޯޓުގައި ބެއްލެވި ދެ ފަނޑިޔާރަކު ކަމަށްވާ އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާނަކީ މިހާރު ހައި ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންނަށް ވުމެވެ. އެ ވަކީލުން ފާހަގަކުރާ އަނެއް ކަމަކީ ނަޝީދުގެ ޝަރީއަތާ ގުޅިގެން ނަޝީދުގެ ފަރާތްޕުޅުން ފާހަގަކުރާ މައިގަނޑު ބައެއް ނުކުތާތަކަށް ހައި ކޯޓުން މިހާރު ގޮތެއް ނިންމާފައި އޮތުމެވެ. ނަޝީދުގެ ޝަރީއަތާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ފާހަގަކުރަމުންދިޔަ ކަންބޮޑުވުންތަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނަޝީދުގެ މައްސަލާގައި ދަށު ކޯޓުން ކުރި ހުކުމާ މެދު ގޮތެއް ނިންމައިދޭން ހައި ކޯޓުގައި އެދިވަޑައިގެންފަ އެވެ. އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ނިންމިޔަސް އެ ނިންމުމުގައި، ނަޝީދުގެ ފަރާތްޕުޅުން ފާހަގަކުރާ ބައެއް ނުކުތާތަކާ މެދު ފަނޑިޔާރުން ގޮތެއް ނިންމެވި އެވެ. އެގޮތުން އެކަށީގެންވާ ވަގުތާއި ފުރުސަތު ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށާއި ހެކިން ހުށަހެޅުމާއި ހެކިންނާއި ސުވާލުކުރަން ވެސް ނަޝީދަށް ފުރުސަތު ލިބިވަޑައިގަތް ކަމަށް ނިންމުން ހިމެނެ އެވެ. އަދި ޝަރީއަތް ހިންގުމުގައި ފަނޑިޔާރުން އަމަލުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި އެވެ. ނަޝީދުގެ ފަރާތްޕުޅުން ހައި ކޯޓަށް އިތުރަށް ދާން ނުޖެހޭ ކަމަށް ނުވަތަ ގޮސްގެން އިންސާފު ނުލިބޭނެ ކަމަށް ވަކީލުން ބުނަނީ މި ސަބަބުތަކާ ހެދި އެވެ. ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހަސަން ލަތީފް އާއި ހިސާން ހުސައިން: ހައި ކޯޓުން އިންސާފު ލިބޭނެ ކަމަކަށް ނުދެކޭ ގާނޫނީ މީހުންގެ ނަޒަރުގައި ހައި ކޯޓު މަރުހަލާ ފުރިހަމަ ކުރުމަށް ފަހު ނޫނީ އިސްތިއުނާފް މައްސަލައެއްގައި ސުޕްރީމް ކޯޓަށް ދެވޭނެ ގޮތެއް ނޯންނާނެ އެވެ. ސުޕްރީމް ކޯޓުގެ އިސް ނެގުމަކަށް މައްސަލަ އެ ކޯޓަށް ނުގެންދާހާ ހިނދަކު އިސްތިއުނާފް މަރުހަލާ ފުރިހަމަކުރެވޭނީ ހައި ކޯޓަށް ދިއުމަށް ފަހު ކަމަށް ބައެއް ވަކީލުން ބުނެ އެވެ. އެކަމަކު އަނެއްކޮޅުން ބައެއް ވަކީލުން ދެކޭ ގޮތުގައި ނަޝީދުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތުން މިހާރު އެންމެ ރަނގަޅު ވާނީ ހައި ކޯޓަށް ނުގޮސް ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމެވެ. އެގޮތަށް ބުނާ ވަކީލުންގެ ވެސް މައިގަނޑު ނުކުތާއަކީ ނަޝީދުގެ ވަކީލުން ފާހަގަކުރި ގޮތަށް، ނަޝީދުގެ މައިގަނޑު ކަންބޮޑުވުންތަކަށް ހައި ކޯޓުން ގޮތެއް ނިންމާފައި އޮތުމާއި އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މިހާރު އޮތް ގޮތެވެ. "މިއީ އިސްތިސްނާ ހާލަތެއް. އާންމުކޮށް އަމަލުކުރެވޭނެ ހާލަތެއް ނޫން މިއީކީ. ނަޝީދުގެ މައްސަލަ އިސްތިސްނާ ހާލަތަކަށް ވަނީ ހައި ކޯޓުގެ ބެންޗު އޮތް ގޮތާއި ހައި ކޯޓުން އެ މައްސަލާގައި މައުޟޫއީ ގޮތުން ނިންމުންތަކެއް ނިންމާފައި އޮތުން،" ގާނޫނީ ވަކީލަކު ބުންޏެވެ. އެ ވަކީލްގެ ނަޒަރުގައި ނަޝީދުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އާއި ނަޝީދުގެ ފަރާތުން އެ ކޯޓަށް ހުށަހަޅާ މައްސަލައާ ދެ މައްސަލަ އެއްކޮށް ކުރިއަށް ގެންދިއުމަކީ ވެސް ސުޕްރީމް ކޯޓަށް ކުރެވިދާނެ ކަމެކެވެ. އެހެން ވަކީލަކު ދެކޭ ގޮތުގައި ކޮންމެ ގޮތަކަށް ކަން ހިނގާފައި އޮތަސް ނަޝީދަށް ސުޕްރީމް ކޯޓަށް ދެވޭނީ ހައި ކޯޓު މަރުހަލާ ފުރިހަމަ ކުރުމަށް ފަހު އެވެ. އެކަމަކު ދަށު ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާއު އެ މައްސަލަ ހައި ކޯޓުގައި ބަލާއިރު ތިބެގެން ނުވާނެ ކަމަށް ވަކީލު ބުނެ އެވެ. "ސުޕްރީމް ކޯޓުގެ އިސްނެގުމަށް އެ ކޯޓަށް އެ މައްސަލަ ނަގައިގެން ނުބަލާހާ ހިނދަކު ހައި ކޯޓަށް ދިއުމަށް ފަހު ނޫނީ ސުޕްރީމް ކޯޓަކަށް ނުދެވޭނެ. ހައި ކޯޓު މަރުހަލާ ފުރިހަމަ ނުކޮށް ސުޕްރީމް ކޯޓަށް ދާން ޖެހޭ މިންވަރުގެ ކަމެއް އެ މައްސަލާގައެއް ނެތް،" ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދެވިދާނެ ކަމަށް ބުނި ވަކީލާ ހިޔާލު ތަފާތު ވަކީލަކު ބުންޏެވެ. ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިސްތިއުނާފް މުއްދަތު މިއަދު ހަމަވާނެ އެވެ. އެހެންކަމުން މިހާރު މި އޮތީ ރާއްޖޭގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސާ މެދު ގޮތެއް ނިންމާނެ ވަގުތު އައިސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ