އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް 138 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަނީ
އިޔާދަކުރަނިވި ހަކަތައިން 26 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް 138 މިލިއަން ޑޮލަރު ( 2.1 ބިލިއަން ރުފިޔާ) ގެ މަޝްރޫއެއް ފަށާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެނާޖީ އޮތޯރިޓީން މިއަދު ބުނެފި އެވެ. ސްޓޭޓް މިނިސްޓަރު ފޯ އެނާޖީ އަބްދުލް މަތީން ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން 16 މެގަވޮޓްގެ ކަރަންޓް އުފައްދަން ހަމަޖައްސާފައިވާ ކަމަށެވެ. މާލެ ސަރަހައްދުގައި އުފައްދާ 16 މެގަވޮޓްގެ ކަރަންޓަކީ އަލަށް ސްޓެލްކޯ އިން ބެހެއްޓި ދެ ޖަނަރޭޓަރުން އުފެއްދޭ މިންވަރެވެ. ދިވެހި ސަރުކާރާއި ކްލައިމެޓް އިންވެސްޓްމަންޓް ފަންޑް އަދި ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، ޖަރުމަނު ސަރުކާރު އަދި ޖަޕާނު ސަރުކާރު ގުޅިގެން ހިންގާ ސަސްޓެއިނަބަލް ރިއުނިބަލް އެނާޖީ ޕްރޮޖެކްޓް (އެސްއާރުއީޕީ)ގެ ދަށުން ރާއްޖޭގެ 50 ރަށެއްގައި އެ މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ ކަމަށް އެނާޖީ އޮތޯރިޓީން ބުންޏެވެ. "މި މަޝްރޫއު އަންނަ މަހުގެ ތެރޭގައި ފެށުމަށް މިހާރު ގެންދަނީ ތައްޔާރުވަމުން. މި މަޝްރޫއުގެ ދަށުން ދިހަ ރަށް މުޅިން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެވޭނެ. އަދި 30 ރަށުގައި 30 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރަން ވަނީ ނިންމާފައި،" މަތީން ވިދާޅުވި އެވެ. "މި މަޝްރޫއުގެ ދަށުން ކަރަންޓް އުފައްދަން ފެށުމުން ޔުޓިލިޓީސްތަކުން ހިނގާ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެ. އަދި ކަރަންޓްގެ އަގު ވެސް ހެޔޮވެގެންދާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ