ޖުޑިޝަރީ އަށް ނުފޫޒު ފޯރުވާނެ ކަމަށް އުމަރު ވިދާޅުވި ކަމަށް ބުނެ އެކަން ބަލައިދޭން އެދެފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މީހުންނަށް އަދަބު ދޭން ގާނޫނީ އިމުގެ ތެރެއިން ފޯރުވެން އޮތް ނުފޫޒެއް ފޯރުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާތީ އެކަން ބަލައިދޭން އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. އުމަރުގެ މައްސަލަ ބަލައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް ހުސައިން ޝަމީމެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ވީޓީވީގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވެފައިވަނީ ރައީސް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަށް ފޯރުވެން އޮތް ނުފޫޒެއް ފޯރުވާނެ ކަމަށެވެ. ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ޖުޑިޝަރީ އަށް ނުފޫޒު ފޯރުވާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށާއި އެހެންވެ އެކަން ބަލައިދޭން ސުޕްރީމް ކޯޓަށް މިއަދު ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. ރައީސް އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ އަދީބު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ދެފަހަރަށް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އޭނާގެ އިތުރުން އޭނާއާ ގުޅުން އޮންނަ އިތުރު ބަޔަކު ވެސް އެ މައްސަލާގައި ހައްޔަރުކޮށް، އިތުރު ބަޔަކު ދަނީ ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ