ވެރިކަމަށް ގާސިމް ގެންނަން އެމްޑީޕީން ދައްކާ ވާހަކަ، އޮއްޓަރެއް އެބަ ހުރި ބާ؟

ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ގޮވާލައި އެމްޑީޕީ/ޖޭޕީ އެކުގައި މަސައްކަތް ކުރާއިރު، އެއާ އެކު ދައްކާ "އެންމެ ބޮޑު" އެއް ވާހަކަ އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދައުރު ހަމަނުވަނީސް ބަދަލުކުރުމުގެ ވާހަކަތަކެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވީޓީވީގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ވަރަށް ސާފުކޮށް ވިދާޅުވެފަ އެވެ. ރައީސް ޔާމީންގެ ވެރިކަން 2018ގެ ކުރިން ބަދަލުކޮށް، ނަޝީދު ބޭނުންފުޅު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެރިކަން ދެއްވުމަށެވެ. ނަޝީދުގެ ބަހުރުވައިން ނަމަ "2015 ގައި އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ" އެވެ. ގާނޫނީ އިމުގެ ތެރެއިން ގާސިމަށް ވެރިކަން ލިބޭނެ ގޮތެއް އެބަ އޮތްތަ؟ ނަޝީދު ވިދާޅުވާ ގޮތުން ނަމަ ގާސިމް ވެރިކަމަށް ގެންނަން އެމަނިކުފާނު ބޭނުންފުޅު ވަނީ ބަޣާވާތެއް ނުކޮށެެވެ. އޭގެ ތަފުސީލެއް މިހާތަނަށް ނުދެއްވަ އެވެ. ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި ބަޣާވާތަކުން ނޫން ގޮތަކަށް ގާސިމަށް ވެރިކަން ހޯއްދަވައި ދެއްވޭނެ އެއްވެސް މަގެއް ފެނިވަޑައެއްނުގަންނަވަ އެވެ. ރައީސް ޔާމީން އިސްތިއުފާ ދެއްވައިފި ނަމަ ދެން އަމަލުކުރަން ޖެހޭ އުސޫލަށް ބަލާއިރު ވެސް ބަޣާވާތަކުން ނޫން ގޮތަކަށް ގާސިމަށް ވެރިކަމަށް އާދެވޭނެ ފަސޭހަ މަގެއް ނެތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. "ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވައިފި ނަމަ މި ހުންނަވަނީ ނައިބު ރައީސް. ނައިބު ރައީސް ގަބޫލުފުޅު ނުކުރައްވައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް. މަޖިލީހުގެ ރައީސް ގަބޫލުފުޅު ނުކުރައްވައިފި ނަމަ މަޖިލީހުގެ ނައިބު ރައީސް. މަޖިލީހުގެ ނައިބު ރައީސް ވެސް [ވެރިކަމާ ހަވާލުވާން] އެއްބަސްވެވަޑައިނުގެންފި ނަމަ ދެން މި ޖެހެނީ، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރަކަށް. މިހާރުގެ މަޖިލިސްގައި ވެސް އެންމެ ގިނަ ދުވަސްވީ ބޭފުޅުންގެ ތެރޭގައި ގާސިމް ހިމެނިވަޑައެއްނުގަންނަވާ. އެހެންވީމާ މި ސިލްސިލާ ރޭވިފައިވާ ގޮތަށް ބަލާއިރު ވެސް ގާސިމަކަށް ނެތް ބަޣާވާތަކާ ނުލައި ވެރިކަމަށް ވަޑައިގެންނެވޭނެ ގޮތެއް،" ނިހާން ވިދާޅުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ އޭނާ ވިދާޅުވީ ބަޣާވާތަކުން ވެރިކަން ބަދަލުކުރެވޭ ވަރަށް ވުރެ ބޮޑަށް ރައީސް ޔާމީންގެ ސިޔާސީ ވިސްނުފުޅު މާ ހަރުދަނާވާނެ ކަމަށެވެ. އަދި ކަންކަމުގައި މާ ދުރަށް އެމަނިކުފާނު ވިސްނާވަޑައިގަންނަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ. ޑީއާރުޕީގެ ވަގުތީ ލީޑަރު އަދި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް، ގާސިމާ ވެރިކަން ހަވާލުކުރުމަކީ ގާނޫނީ އިމުގެ ތެރެއިން ވަރަށް ހަނިކޮށް ކުރެވެން އޮތް ކަމެއް ކަމަށެވެ. އޭނާ ވިސްނަވާ ދެ ފޯމިއުލާ އަށް ބަލާއިރު ވެސް އެއީ މުސްތަހިއްލު ކަމެއް ކަމަށް ކާނަލް ވިދާޅުވި އެވެ. ދައުރު ހަމަނުވަނީސް ގާސިމަށް ވެރިކަން ލިބޭނެ އެއް ފޯމިއުލާ އަކީ، ކާނަލް ވިދާޅުވާ ގޮތުގައި، ގާނޫނު އަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް ރައީސް ޔާމީނާއި ނައިބު ރައީސް މުހައްމަދު ޖަމީލް ވެރިކަމުން ދުރުކޮށް، ގާސިމަށް ވެރިކަން ދިނުމެވެ. އެކަމަކު އެއީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ކާނަލްގެ ދެވަނަ ފޯމިިއުލާ އަކީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު އެމްޑީޕީ/ޖޭޕީ ހޯދައިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ފަހު މަޖިލީހުގެ ރައީސް ކަމަށް ގާސިމް ގެނައުމެވެ. އަދި ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތާ އެކު، ރައީސް ޔާމީނާއި ނައިބު ރައީސް ޖަމީލްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމެވެ. ޑީއާރުޕީގެ ޖަލްސާއެއްގައި ކާނަލް ވާހަކަ ދައްކަވަނީ.---ހަވީރު ފައިލް ފޮޓޯ "އެކަމަކު މިއީ ޕްރެކްޓިކަލީ ވުން މުސްތަހިއްލު ކަމެއް. ދެ ފޯމިއުލާ ވެސް ވާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ. ތަބީއީ ގޮތުން ކަން ހިނގާ މަގުން ނިޒާމުގެ ތެރެއިން ދާ ނަމަ މިއީ ގާނޫނީ އިމުގެ ތެރެއިން ވާނެ ކަންކަމެއް ނޫން،" ކާނަލް ވިދާޅުވި އެވެ. ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލުކުރާ ނަމަ އެންމެ ބޮޑު ބާރެއް އެމްޑީޕީ/ޖޭޕީ އަށް ލިބެން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އެ ދެ ޕާޓީ އަށް ލިބިއްޖެ ނަމަ ސިޔާސީ ގޮތުން "ކޮންމެވެސް ވަރެއް" ކުރެވޭނެ އެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރުގެ އަތުގައި އެބަ އޮތެވެ. އެންމެ ފަހުން ވެސް ޕީޕީއެމަށް ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރަކު ސޮއިކުރައްވައިފަ އެވެ. އެހެންވެ މަޖިލިހުގައި ސަރުކާރުގެ ބާރު އަދި ވަރަށް ގަދަ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ޕީޕީއެމުންް ވެސް މެމްބަރުން ޖޭޕީ އަށް އަންނާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. އެފަދަ ގޮތަކަށް ހާލަތު ބަދަލުވެއްޖެ ނަމަ އިދިކޮޅު ފަރާތްތަކަށް ބާރުތަކެއް ލިބޭނެ އެވެ. އެއްވެސް ޕްރެޝަރެއް ނެތް ނަޝީދު ވިދާޅުވާ ގޮތުގައި ބޭރު ގައުމުތަކުންނާއި ބޮޑެތި ކުންފުނިތަކުން އަދި ރައްޔިތުން ވެސް އެދެނީ މިހާރުގެ ވެރިކަން ބަދަލުކުރާށެވެ. އަދި އެކަމާ ދެކޮޅަށް ވެރިކަމުގެ ބާރާއި އާރު ރައީސް ޔާމީން ހިފެހެއްޓެވުމަކީ އެޅުއްވޭނެ "ޅައެއްޗެއް" ކަމަށް ނަޝީދު ވިދާޅުވެ އެވެ. އެމަނިކުފާނުގެ ބަސްމަގު އެގޮތަށް ހުރި ކަމަށް ވިޔަސް ފެންނަން އޮތް އެއް މަންޒަރަކީ އެ ވިދާޅުވާ ފަދަ ޕްރެޝަރެއް ބޭރުގެ ގައުމުތަކުންނާއި ބޮޑެތި ކުންފުނިތަކުން ކުރާތަން އަދި ނުފެންނަ ކަމެވެ. ނަޝީދުގެ ވެރިކަން ބަދަލުވެ ދެން އައި ރައީސް މުހައްމަދު ވަހީދުގެ ދޮޅު އަހަރުގެ ވެރިކަމުގައި ރާއްޖެ އަށް އައި ޕްރެޝަރާއި ވަހީދު އިސްތިއުފާ ދެއްވުމަށް އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ބާރު އެޅި ވަރު އެންމެންނަށް ފެނުނެވެ. ބައެއް ވިޔަފާރި ކުންފުނިތަކުން ކަންކަން ކުރި ގޮތް ވެސް ފެނުނެވެ. އެކަމަކު ރައީސް ޔާމީނަށް އެކަހަލަ ޕްރެޝަރެއް ނެތެވެ. ނިހާން ވިދާޅުވީ މި ސަރުކާރަށް ބޭރުގެ އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި ނަޝީދު ދައްކަވަނީ "ދެކޮޅު ނުޖެހޭ" ސިޔާސީ ވާހަކަތަކެއް ކަމަށެވެ. ޖޭޕީގެ ޖަގަހާގައި ރޭ އެމްޑީޕީ-ޖޭޕީން ބޭއްވި ޖަލްސާގައި ގާސިމް އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "އެއްވެސް ޕްރެޝަރަކަށް ދާކަށް ނުވެސް ޖެހޭ. ސަބަބަކީ ވެރިކަން ގާސިމަށް ދެއްވަން ކަމަށް ވިދާޅުވެ ނަޝީދު އެ ދައްކަވާ ވާހަކަތަކުގައި ބުރަދަނެއް ނެތީމާ. ބަޣާވާތެއްގެ ވާހަކަ އަޅުގަނޑަށް އަންނަނީ. އަޅުގަނޑު ނަޝީދު އަރިހުން ސާފުކޮށްލަން ބޭނުން މަނިކުފާނުގެ ކާބަފައިން މި ގައުމަށް ގެނައި ބަޣާވާތް ކަހަލަ ބަޣާވާތެއް ގެންނަންތޯއޭ ތި ރާއްވަވަނީ؟ އެކަން ސާފުކޮށް ދެއްވުން އެދެން،" ނިހާން ވިދާޅުވި އެވެ. "އަޅުގަނޑު އެދެން ނަޝީދު ބޭނުންފުޅުވާ ކަންކަން ސާފުކޮށް ވިދާޅުވާން. ވަރަށް ކެރިގެން އެއްޗެހި ވިދާޅުވާ ބޭފުޅެއް ނޫންތޯ ނަޝީދަކީ." ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އެމަނިކުފާނު ގެންދަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާތް ބޭފުޅުންނާ ވެސް ވާހަކަ ދައްކަވަމުންނެވެ. އަދި އެ ބޭފުޅުން ވެސް ތިއްބެވީ މިހާރު ވެރިކަން ބަދަލުކުރަން ތައްޔާރަށް ކަމަށް ނަޝީދު ވިދާޅުވެ އެވެ. އެކަމަކު ރައީސް ޔާމީނާ ދެކޮޅަށް ފާޅުގައި ނުކުންނަވައި، ނަޝީދަށް އެއިން ބޭފުޅަކު ތާއީދުކުރައްވާ މަންޒަރެއް އަދި ނުފެނެ އެވެ. ސަރުކާރަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި ރައީސް ޔާމީންގެ ރިޔާސީ ދައުރުގައި ގާސިމް ވެރިކަމަށް ގެންނަން އެމްޑީޕީން ދައްކާ ވާހަކަތަކުގައި އޮއްޓަރެއް ނެތެވެ. އެކަމަކު އެމްޑީޕީ އާއި ގާސިމް ކޮޅުގައި ތިބި މީހުންނަށް އެހެން މަންޒަރެއް ފެނިދާނެ އެވެ. މިހާރުގެ ހަގީގަތަށް ބަލާއިރު ރައީސް ޔާމީން ހުންނެވީ ބާރުވެރިކަމުގަ އެވެ. ނަޝީދުގެ ވާހަކަ އަށް ވެސް އަދި ގާސިމްގެ ވާހަކަތަކަށް ވެސް އެމަނިކުފާނު ތެޅިގަނެގެން އުޅުއްވާ ތަނެއް ނުފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ