ފިތި ބާރުވެގެން ކޮޓަރިއެއްގެ ތެރޭގައި ނިދަން ތިބި 108 ބިދޭސީން ހައްޔަރުކޮށްފި

ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި ފިތި ބާރުވެގެން ތިބި 108 ބިދޭސީ މަސައްކަތު މީހުން ނިދަން ތިއްބާ ހައްޔަރުކޮށްފި އެވެ.
ކޮންޓްރޯލަރު އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ "ސަން" އަށް މިއަދު ވިދާޅުވީ އެ ޑިޕާޓްމެންޓަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ އެހީތެރި ކަމާއި އެކު ގޮސް މއ. ކިސްމިރީގޭ ތެރޭގައި ހުރި ގާތްގަނޑަކަށް 500 އަކަފޫޓަށް ވުރެވެސް ކުޑަ ކޮޓަރި އެއްގެ ތެރޭގައި ފިތިބާރު ވެގެން ނިދަން ތިއްބާ ނަގައިގެން ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 101 މީހެއްގެ އިތުރުން އިންޑިއާގެ ހަތް މީހެއް ކަމަށެވެ.
"ލިބުނު މައުލޫމާތެއްގެ އަލީގައި ރެއިޑެއް ރާވާ މއ. ކިސްމިރީގޭ ކިޔާ ގެއެއްގައި ހުރި ކުޑަކުޑަ 500އެއްހާ އަކަފޫޓުގެ ކުޑަކުޑަ ކޮޓަރިއެއްގެ ތެރޭގައި 108 މީހުން ފިތި ބާރުވެގެން މަތި މައްޗަށް ނިދަން ތިއްބާ ޕޮލިހުގެ އެހީގައި ނަގައިގެން ގެންދިޔައީ. އެ ވަރުގެ ކުދިކުދި ތަންކޮޅުގައި ފިތިގެން އެ ގޮތަށް ތިބުމަކީ އެއްގޮތަކަށް ވެސް އެކްސެޕްޓަބަލް ކަންތައް ތަކެއް ނޫން،" ކޮންޓްރޯލަރު ވިދާޅުވި އެވެ.
ރާއްޖެއަށް މަސައްކަތް ކުރުވަން ގެންނަ ބިދޭސީންނާއި ގުޅޭގޮތުން އިތުރަށް ކޮންޓްރޯލަރު ވިދާޅުވީ މިހާރަކަށް އައިސް ރާއްޖެ ގެންނަ ގިނަ މަސައްކަތު މީހުންނަކީ މަސައްކަތް ކުރުމުގެ ހުނަރު ލިބިފައި ނެތް އަދި މަސައްކަތް ކުރާ ވެސް ނުދަންނަ މީހުން ކަމަށެވެ.
"....ޚާއްސަ ގޮތެއްގައި އަންސްކިލްޑް ލޭބަރު ކެޓަގަރީގެ މީހުން ވަރަށް ގިނަ ވެއްގެ. 2008 ވަނަ އަހަރު ނިމުނުއިރުގައި ގާއްގަނޑަކަށް ރާއްޖޭގައި ތިބި ކަމަށް ދައްކާ ހިސާބަކީ 80،000 ބިދޭސީން. އެހެން ނަމަވެސް މި އަހަރުގެ ޖެނުއަރީގައި ނެގުނު ހިސާބު ތަކުން ދައްކާ ގޮތުންނަމަ 1،11،500 މީހުން ގާއްގަނޑަކަށް ރެޖިސްޓާ ކޮށްފައި އެބައުޅޭ. އޭގެ ތެރޭގައި ރެޖިސްޓާ ނުކޮށް އުޅޭ ކަމަށް މި ލަފާކުރެވެނީ ސާޅީސް ހާހާއި ފަސްސާސް ހާހާ ދެމެދު. އޭގެ މާނަ އަކީ ގާތްގަނޑަކަށް އެއްލައްކަ ފަސްދޮޅަސް ހާސް މީހުންގެ އާބާދީއެއްގެ ވާހަކަ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.
މއ. ކިސްމިރީގެ އަށް ވަދެއުޅޭ އަންހެނަކު ބުނީ އެ އެ ކޮޓަރި ތެރޭގައި އެ މީހުން ތިބެގެން އެކަކު އަނެކަކުގެ ގައިމައްޗަށް އަރައިގެން އޮޅުލާ ބައްދާ ސަކަރާތް ޖަހާތަން ވެސް ފެންނަ ކަމަށެވެ. އަދި ކޮޓަރި ފިތި ބާރުވެފައި އޮންނާތީ އެކަކު އަނެކެއްގެ ބަނޑުމަތީގައި ބޯ އަޅައިގެން އުޅޭ ތަނާއި ގައިގޯޅިވެ ވަރަށް ސަމާސާ ކުރާތަން އެ ހިސާބުގަނޑު އެތައް ބަޔަކަށް ފެނިގެން އެ ވާހަކަ ދައްކާ އަޑު އަހާ ކަމަށެވެ.
ދިބޭސީންގެ އާބާދީ މައްޗަށް ގޮސްފައިވާ އިރު އަދިވެސް ގިނަ ބަޔަކު މަސައްކަތް ކުރުމުގެ ނަމުގައި ކޮންމެ ދުވަހަކުމެ ރާއްޖެ އަންނަމުންދެއެވެ. އިމިގްރޭޝަނުން ބުނީ 2012 ވަނަ އަހަރު ނިމުނު އިރު ހަމައެކަނި ރެޖިސްޓަރީ ކޮށްފައި ތިބި ބިދޭސީންގެ އަދަދު 160،000 އަރާ ކަމަށެވެ.
ރާއްޖޭގެ އާބާދީ އަކީ 360،000 މީހުން ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ