މަސީހަށް ނޫނެކޭ ބުނަން ޖެހޭ، ގާސިމާއި ފާރިސްގެ މަސައްކަތަށް ސެލިއުޓް: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ވަކި ކުރަން ޖެހޭ ކަމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި އެހެނިހެން އިދިކޮޅު ފަރާތްތަކަށް ސެލިއުޓް ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަސީހު މަގާމުން ވަކި ކުރަން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ހިތްވަރު ދެއްވާ ކަމަށެވެ.
Salute the courage of @qasimibrahim, @afarismaumoon & others leading the parliamentary effort to oust the speaker. #SayNOtoMaseeh— Umar Naseer (@UmarNaseerPPM) March 25, 2017
އުމަރު ކުރެއްވި ޓުވީޓު.އެ ޓްވީޓާއެކު ހޭޝްޓެގް ޖަހާ މަސީހަށް ނޫނެކޭ ބުނުމަށް އުމަރު ވަނީ ގޮވާލައްވައިފަ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކާ ގުޅޭ ތަފާތު މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލު ކުރުމުގައި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރުން ވަނީ ކޮށްފަ އެވެ. އެކަމަކު އެ ތުހުމަތުތައް އުމަރު ދޮގު ކުރައްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނީ ފަސޭހަކަމާއެކު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ