"ފުޅާ ކޯލިޝަނަށް" ސަޕޯޓަރުން ތާއީދުކުރުމަށް އުމަރު އެދިވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި "ފުޅާ ކޯލިޝަނަށް" ތާއީދުކޮށްދިނުމަށް، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ޕީޕީއެމުން އުމަރު ވަކިކުރިކަން ސަޕޯޓަރުންނަށް އެންގުމަށް ރޭ ފޮނުއްވި އެސްއެމްއެސްގައި އުމަރު އެދިވަޑައިގެންފައި ވަނީ ގިނަ ޕާޓީތައް އެކުލެވޭ "ފުޅާ ކޯލިޝަނަށް" ތާއީދުކޮށް، "އެމްޑީޕީގެ ކިބައިން ގައުމު ސަލާމަތްކުރުމަށް" އޭނާއެކު މަސައްކަތްކޮށްދެއްވުމަށެވެ.
ރިޔާސީ ޕްރައިމަރީގެ ވޯޓުގައި މަކަރު ހެދުންތަކާއި އޮޅުވާލުންތައް ހިންގާފައިވާ ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތުތަކާ ގުޅިގެން އުމަރު ޕާޓީން ވަކިކުރުމުން އޭނާގެ ސަޕޯޓަރުން ވަނީ ޕީޕީއެމް އޮފީސް ކައިރި އަށް އެއްވެ އިއްޔެ ހަމަނުޖެހުން ހިންގައިފަ އެވެ.
އުމަރު ނަސީރުގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި އޭނާގެ ގާތް ބޭފުޅެއް ކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނެއް ހެދުމަށް އުމަރު އަންނަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. އެ މަސައްކަތުގައި އެކި ޕާޓީތަކާ އެކު އުމަރު މަޝްވަރާކުރައްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ގުޅިވަޑައިގަންނަވާނީ ކޮން ބަޔަކާ ކަން އަދި އޭނާ ހާމަނުކުރެއްވި ނަމަވެސް ރައީސް މުހައްމަދު ވަހީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު އޭނާ ވަނީ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އަދި އުމަރު ވިދާޅުވަމުން އަންނަ ފުޅާ ކޯލިޝަނަކީ ޖުމްހޫރީ ޕާޓީއާ ރައީސް ވަހީދުގެ ޕާޓީ ގުޅިގެން އުފައްދާ ކޯލިޝަނެއް ކަމަށް ވަނީ އަޑުފެތުރިފަ އެވެ.
"އެމްޑީޕީ ފިޔަވައި ދެން ތިބި ހުރިހާ ޕާޓީތައް ގުޅިގެން އުފައްދާ ކޯލިޝަނަކަށް އުމަރު މަސައްކަތް ކުރައްވަނީ. އަޅުގަނޑުމެން ބޭނުން ވަނީ ޕީޕީއެމްގެ ވެސް މީގެ ތެރެއަށް ވަނުން. އުއްމީދަކީ ފެށޭ ހަފުތާގެ ތެރޭގައި ކޯލިޝަން އެކުލަވާލެވޭނެ ކަމަށް،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުމަރު މަސައްކަތް ކުރައްވަނީ އެމްޑީޕީ ވެރިކަމަށް އައުމުން ބާލާނެ ފޯމިއުލާއަކަށް ނޫން ކަމަށާއި އެމްޑީޕީ އަށް ވެރިކަމަށް ނާދެވޭނެ ފޯމިއުލާއެއް ހޯދުމަށް ކަމަށެވެ. އެކަން ކުރުމަށް "ކުރިއަށް ނުވަތަ ފަހަތަށް ވެސް ޖެހިވަޑައިގަންނަވާނެ" ކަމަށް އުމަރު ރިޔާސީ ޕްރައިމަރީގެ ތެރޭގައި ވިދާޅުވެފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އުމަރު ޕާޓީން ވަކިކުރި މައްސަލަ މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާގެ ސަޕޯޓަރުން އިއްޔެ ވަނީ ބުނެފަ އެވެ. އުމަރު ޕީޕީއެމުން ވަކިކޮށްފައި ވަނީ ޕާޓީ އާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތައް ކުރައްވައި ވަކިން ޖަލްސާތައް ބޭއްވި މައްސަލަ ސުލޫކު ކޮމެޓީން ބެލުމަށް ފަހު އިސްލާހުވާން ދިން މުއްދަތުގައި އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުތައް ބަދަލު ނުކުރެއްވި ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ