އުމަރު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް މާދަމާއަށް ޝަރީއަތް ތާވަލްކޮށްފި

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކުރާ ދައުވާގެ ދެން އޮންނަ ޝަރީއަތަށް ހާޒިރުނުވެއްޖެ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގާޒީ ދެއްވި ނަމަވެސް އުމަރު ރާއްޖެއިން ބޭރުގައި ހުންނެވި އިރު، މާދަމާ ހެނދުނަށް އެ ޝަރީއަތް ތާވަލްކޮށްފި އެވެ.
އުމަރުގެ މައްޗަށް ދައުލަތުން ކުރާ އުމަރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ މާދަމާގެ ޝަރީއަތަށް ހާޒިރު ނުވެއްޖެ ނަމަ އޭނާއާ މެދު ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ އިއްޔެ ވަނީ އުމަރުގެ ވަކީލަށް ދެއްވައިފަ އެވެ. އަދި ދައުލަތުގެ ވަޒީރަކު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން މަޖުބޫރު ނުކުރުވުމަށް ވެސް އުމަރުގެ ވަކީލްގެ ކިބައިން ގާޒީ އެދިވަޑައިގަތެވެ.
ގާޒީ އެގޮތަށް ވިދާޅުވެފައި އޮތް ނަމަވެސް ހޯމް މިނިސްޓްރީން ބުނެފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އުމަރު ހުންނަވާނީ ރާއްޖެއިން ބޭރުގައި ކަމަށާއި ދަތުރު ކުރުކޮށްލެއްވުމަށް ފަހު ޝަރީއަތަށް ހާޒިރުވުމަށް އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އެނގިފައިވާ ގޮތުގައި އުމަރު އަދިވެސް ހުންނެވީ ނެދަލެންޑްސްގަ އެވެ.
އުމަރުގެ ޝަރީއަތް ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
އިއްޔެގެ އަޑުއެހުމުގައި ގާޒީ އަބްދުﷲ ވިދާޅުވެފައިވަނީ އިއްޔެ އަށް އަޑުއެހުމެއް ތާވަލްކުރީ ވެސް މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އުމަރު މާލޭގައި ހުންނަވާނެ ކަމަށް ހޯމް މިނިސްޓްރީން އެންގުމުން ކަމަށެވެ. އަދި ދަތުރަށް ފުރާވަޑައިގަންނަވަން ޖެހޭނީ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށް ފަހު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާޒީ ދީދީ ވިދާޅުވި އެވެ.
އުމަރުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ރާއްޖޭގެ އަމަން އަމާންކަމަށް ގެއްލުން ލިބިދާނެ ވާހަކައެއް ދެއްކެވި ކަމަށް ބުނެއެވެ. ނަމަވެސް އުމަރު އެ ދައުވާ އަށް އިންކާރު ކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ