އިސްލާމިކް މިނިސްޓްރީން އިސްލާމީ ކަންކަން ކުރިއަރުވާތީ އުފާކުރަން - މައުމޫން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިސްލާމީ ކަންކަން ކުރިއަރުވާ ތަރައްގީ ކުރުމަށް ދެމުންގެންދާ އަހަންމިއްޔަތާއި ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ފެނިފައި ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި އެކަމަށްޓަކައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް ޝުކުރު އަދާކުރައްވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އިހްޔާ ކުރުމުގެ ފޯރަމްތަކުގެ ތެރެއިން މިރޭގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މައުމޫން ވިދާޅުވީ އިސްލާމިކް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެގެން މިއަދާއި ހަމައަށް މިނިސްޓަރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން މިސްކިތްތައް އިމާރާތްކުރުމާއި މިސްކިތްތައް މަރާމާތުކުރުމާއި ރަމަޟާން މަހަށް ކަންތައްތައް ތައްޔާރުކުރުމާއި އިސްލާމީ ފޮތްތައް އަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރައްވާ ޝާއިއުކުރެއްވުމާއި ހައްޖުގެ ކަންތައްތައް މީހުންނަށް އަދާކުރެވޭ ގޮތަށް ފަސޭހަކޮށްދިނުމާއި ރާއްޖެއިން ބޭރުގެ ގައުމުތަކުގެ އެހީ ހޯދައިގެން ދީނީ ހިދުމަތްތައް ދެއްވުން ހިމެނޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެމަނިކުފާނު (ޝަހީމް) ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި މިސްކިތްތައް އިމާރާތްކުރުމާއި، މިސްކިތްތައް މަރާމާތުކުރުމާއި، ރަމަޟާން މަހަށް ހުރިހާ ކަމެއް ތައްޔާރުކުރުމާއި، އިސްލާމީ ފޮތްތައް އަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރައްވާ ޝާއިއުކުރެއްވުމާއި، ހައްޖުގެ ކަންތައްތައް މީހުންނަށް އަދާކުރެވޭ ގޮތަށް ފަސޭހަކޮށްދެއްވުމާއި، އަދި ބޭރު ދުނިޔޭގެ އެހީ ހޯދައިގެން ދީނީ ހިދުމަތްތައް ކޮށްދެއްވުމާއި، އޭގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ މުސްޙަފް ހޯއްދަވައިގެން ރައްޔިތުންނަށް ބައްސަވައިދެއްވުން، އަދި މިއަށްވުރެ ވެސް ގިނަ ކަންތައްތައް ކުރައްވާ." މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ހިންގަވާ މައުމޫން ފައުންޑޭޝަނުން ވެސް ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގްރާމްތައް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި މީގެކުރިން ބާއްވާފައިވާނެ ކަމަށާއި މިއަހަރުގެ ރޯދަ މަހު ވެސް އެ ޕްރޮގްރާމްތައް ހޯލުގައި ބޭއްވުމުގެ ފުރުސަތު ލިބިފައިވާތީ އެކަމަށްޓަކައި ވެސް މިނިސްޓަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް ރަމަޟާން މަހުގެ ކޮންމެ އާދިއްތަ ދުވަހެއްގެ ރޭއާއި ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އިސްލާމީ މަރުކަޒުގައި އިހްޔާ ކުރުމުގެ ޕްރޮގްރާމްތައް މިނިސްޓްރީން ކުރިއަށް ގެންދާނެ އެވެ.
މިރޭގެ ޕްރޮގްރާމްގައި ތަގުރީރު ކުރައްވާފައިވަނީ ރައީސް މައުމޫނެވެ. އެމަނިކުފާނު އަލިއަޅުއްވާލެއްވީ “އެންމެ އުފާވެރި ދީނަކީ އިސްލާމް ދީން” މި މައުޟޫގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ