މެމްބަރު ރިޔާޒުގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ޖޭޕީން ކުށްވެރިކޮށްފި

ޖުމުހޫރީ ޕާޓީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަަޑައިގަތުމަށްޓަކައި ކާރުކޮޅަށް އަރައި ވަޑައިގަންނަވަނިކޮށް ގައިކޮޅަށާއި ކާރުކޮޅަށް ކަޅުތެޔޮ ޖެހި މައްސަލަ ޖުމްހޫރީ ޕާޓީން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް މިއަދު ވިދާޅުވީ ފިނޑި އެ އަމަލު ވަރަށް ބޮޑަށް ޖޭޕީން ކުއްވެރި ކުރާ ކަމަށާއި މީގެ ކުރިންވެސް ޖުމްހޫރީ ޕާޓީން ގޮވާލާފައިވާ ފަދައިން މަޖިލިސް މެމްބަރުންނަށް ސެކިއުރިޓީ ދިނުން ނަމެއްގެ ގޮތުގައި އެ އޮންނަ އޮތުން ބަދަލުކޮށް އެއަށް އަމަލީ ސިފަގެނެސް މެންބަރުންނަށް ސެކިއުރިޓީ ދޭން ޖެހޭ ކަމަށެވެ.
އަލީ ސޯލިހް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަށް މިއަދު ދިން ހަމަލާއަކީ މުޅި ޖުމްހޫރީ ޕާޓީއަށް ދީފައިވާ ހަމަލާއެއް ކަމަށް އެޕާޓީން ގަބޫލުކުރާ ކަމަށެވެ. އެފަދަ ދަށު ދަރަޖައިގެ އަމަލުތަށް ރާވާ ހިންގާ ފަރާތްތަކަށާއި އެކަންކަމުގައި އުޅޭ ފަރާތްތަށް އިންސާފުގެ ކުރިމަށްޗަށް ގެނައުން އަވަސްކޮށް ހައްގު އަދަބު ދޭން ޖެހޭ ކަމުގައިވެސް އަލީ ސޯލިހް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލައެއްގައި ވާހަަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އެ އަމަލު ކުއްވެރި ކުރައްވާފަ އެވެ. ގާސިމް ވިދާޅުވީ ސިޓީއެއް މެދުވެރި ކުރައްވާ މަޖިލިސް މެންބަރުންނަށް ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް އެ ސިޓީ ބާތިލް ކުރި ކަމެއް ނުވަތަ ސެކިއުރިޓީ ހަަމަޖެހުނު ކަމެއް ވެސް މިހާތަނަށް އެނގިވަޑައިގެންފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ސެކިއުރިޓީ ކުރިން ލިބިވަޑައިގެންފައިވާ ބައެއް މެމްބަރުންނަށް މިހާރު ސެކިއުރިޓީ ލިބެމުން ނުދާ ކަންވެސް ގާސިމް ފާހަގަކުރެއްވި އެވެ.
މެމްބަރު އަބުދުﷲ ރިޔާޒް ގައިކޮޅަށާއި ކާރުކޮޅަށް ކަޅުތެޔޮ ޖެހީ އެމަނިކުފާނުގެ ގެކޮޅުގެ ކައިރިން ޖުވޭސް ކެފޭގެ ކުރިމަތިންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިޔާޒު ހާޒިރުވެވަޑައިގެންނެވީ އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހުމުން އެގޮތަށް ހުންނަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ