މިމަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ އިދިކޮޅު އެމްޑީޕީ ގުޅިގެން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ އާއި ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.
ހައި ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ނަމަވެސް އެއް ފަނޑިޔާރުގެ ރައުޔު ތަފާތުވެފައިވިއިރު، ރައުޔު ތަފާތުވި ފަނޑިޔާރު ވެސް ހައި ކޯޓުގެ އަމުރަށް ތާއީދުކުރިއެވެ.
ހައި ކޯޓުގައި މިއަދު މެންދުރުފަހު ބޭއްވި ޝަރީއަތުގައި އެކޯޓުން ކުރި ހުކުމުގައިވަނީ އަލީ ވަހީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މުއްދަތު މަޖިލީހުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތު ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ.
އަދި އަލީ ވަހީދު މުޒާހަރާގައި ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، އޭނާ ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުމުން ކަމަށް ވެސް އަމުރުގައިވެއެވެ.
ބަންދު މައްސަލަތަކުގައި ކޯޓަށް ހުށަހަޅަންޖެހޭނީ މައްސަލަ ޝަރީއަތަށް ސާބިތުވާ މިންވަރުގެ ހެއްކައި ގަރީނާ ނޫން ކަމަށާއި އެފަދަ މައްސަލަތަކުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ކަމަށް ވެސް ހައި ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ވާގޮތުގެމަތިން މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ މައްސަލަ ސާބިތުވާ މިންވަރަށް ހެކި ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމަށް ބަލާއިރު، ތުހުމަތުކުރެވޭ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ އެމީހަކު ބަންދުގައި ބެހެއްޓިދާނެއެވެ.
ހައި ކޯޓުން މިގޮތަށް ނިންމެމުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވި އަލީ ވަހީދު ވަނީ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ދޫނިދޫއަށް ގެންގޮސްފައެވެ. ދޫނިދޫއަކީ ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ ރަށެކެވެ.
މެއި މަހުގެ ދެވަނަ ދުވަހުގެރޭ އަލީ ވަހީދުގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު މި މުއްދަތު ހަމަވަންދެން އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނާނެއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މެއި އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްކޮށް އޮވެ މާލޭގައި ބޭއްވި މުޒާހަރާގައި ހިނގައިދިޔަ ކަންކަމުގެ ޒިންމާވާ ފަރާތެއް ކަމުގައިވާ ކަމަށް ފުލުހުންނަށް ގަބޫލުކުރެވިގެންނެވެ.
އަލީ ވަހީދު ބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ