އުދައްޔުގެ މަރު: ދަޢުވާ ލިބޭ މީހުންގެ ހެކިބަސް ނަގައިފި

އ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ހަމަލާދީ މަރާލި އުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ މައްސަލާގައި ދައުވާކުރާ ދެ މީހުންގެ ހެކިބަސް ނަގާ ނިންމާލައިފިއެވެ.
މި މަރުގެ ދައުވާ ލިބޭ ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުޙައްއްމަދު މާޒިންގެ ފަރާތުން ދިފާއީ ހެކި ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އެ ކުއްޖާގެ މައްޗަށް ވަނީ އުދައްޔު މަރައިލިކަން ސާބިތު ވެފައެވެ.
މާޒިން އާއި ޝަރަފްގެ ފަރާތުން ހެކިވެރިންގެ ގޮތުގައި ހުށަހެޅި 3 ހެކިވެރިން ވަނީ އެ ދެ މީހުން މީހަކަށް ހަމަލާ ދެނިކޮށް ފެނިފައިނުވާ ކަމަށް ބުނެފައެވެ.
އެތަނުން އެކަކު ހުރިކަން ފާހަގަކޮށް ހެކިބަސް ދެމުން އޭނާ ބުނީ, އުދައްޔުއަށް ހަމަލާދިން މީހުންގެ ތެރޭގައި ޝަރަފު ނުހިމެނޭކަން ޔާޤީންކޮށް ބުނަން އެނގޭ ކަމަށެވެ. ނަމަވެސް އެއީ ރޭގަނޑުގެ ވަގުތަށް ވެފައި އެތަން އޮތީ އަނދިރިކޮށް ކަމަށްވާތީ އެ މާރާމާރީގައި ޝާމިލްވީ ކޮންބައެއްކަން ބުނަން ނޭނގޭ ކަމަށެވެ. އެ މީހުންގެ ތެރޭގައި ޝަރަފު ނުހިމެނޭކަން އެނގެނީ އެއީ ކުޑައިރުން ފެށިގެން ވެސް އޭނާ ޝަރަފު ދަންނާތީ ކަމަށް ބުނެފައިވެއެވެ.
އެ ހެކިވެރިޔާގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކޮށް ދައުލަތުގެ ވަކީލް ވިދާޅުވީ, ހެކިވެރިޔާ މީގެ ކުރިން ފުލުހުންނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. ހެކިވެރިޔާ ސޮއިކޮށްފައިވާ އެ ބަޔާނުގައިވާ ގޮތުން, އުދައްޔު މަރުވި މާރާމާރީގެ ޚަބަރު އޭނާއަށް ލިބިފައިވަނީ އެތަން ފެނުނު އެހެން މީހެއްގެ ފުށުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި ހެކިވެރިޔާ ބުނެފައިވަނީ ފުލުހުންނަށް ބަޔާނެއް ދެވިފައިވާކަން ހަނދާނެއްނެތް ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ޝަމީމުގެ ބައްޕަ އާއި އޭނާގެ އެއްބަނޑު އެއްބަފާ ދައްތައެއްވެސް ވަނީ ހެކިބަސް ދީފައެވެ. އެގޮތުން ދެ މީހުންވެސް ބުނެފައިވަނީ ޙާދިސާ ހިނގިރޭ 8:30 އިން ފެށިގެން 10 ޖެހުމާ ހަމައަށް ޝަމީމް ހުރީ އޭނާ ދިރިއުޅޭ ގޭގައި ކަމަށެވެ.
މި މަރާމާރީގައި އުދައްޔުގެ އިތުރުން އޭނާގެ ބޭބެއަށްވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން އޭރު ވިދާޅުވެފައިވެއެވެ. އުދައްޔު މަރުވީ ވެސް ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ