އަލީ ވަހީދުގެ މައްސަލައިގަ ޕީޖީ ވަނީ ނުފޫޒުގައި ޖެހިފައި: ގާޒީ ހައިލަމް

ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތް ކަމަށް ބުނެ އެ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފައިވާތީ މައްސަލައިގައި ޕީޖީންވަނީ ނުފޫޒުގައި ޖެހިފައި ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް، އެކިދުވަސް މަތިން ޖިންސީ އަނިޔާއާއި، ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ރޭޕްކުރަން އުޅުމާއި، ޖިންސީ އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި، ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުގަވެ.
ޕީޖީ އޮފީހުން ބުނީ، އެ އޮފީހުން އެ މައްސަލަކުރިއަށް ނުގެންދިއުމަށް ނިންމީ، އަނިޔާލިބުނު ފަރާތުގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށް ވާތީ އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ކަމަށެވެ.
މިކަމަށް ފާޑު ވިދާޅުވެ ގާޒީ ހައިލަމް ވަނީ ހަމައެކަނި އަނިޔާލިބޭ ފަރާތުގެ ބަހުގެ މައްޗަށް ބަރޯސާވެގެން ދައުލަތުން ދައުވާކުރާނީ ހަމައެކަނި ކުޑަކުދިންނަށް ޖިންސީގޯނާކުރާ މައްސަލަތަކުގައިކަން ފާހަގަކުރައްވާފައެވެ.
އަނިޔާލިބޭ މީހުންނާއި ހެކިން ތަހުގީގަށް ދޭ ބަޔާންތައް ބަދަލުކުރުމަށް އެދި ފުލުހުންނާއި ޕީޖީ އޮފީހަށް ސިޓީ ފޮނުވުމަކީ އާންމު ކަމެއްކަން ފާހަގަކުރައްވައި މިކަމުގެ ސަބަބުން މައްސަލަތައް ފައިލް ނުކުރާއިރު މި ފަހަރު އުސޫލު ބަދަލުވީ ކީއްވެގެންތޯ ހައިލަމް ސުވާލު އުފައްދަވާފައިވެއެވެ.
އަނިޔާލިބޭ ފަރާތްތަކާއި ހެކިން ބަޔާން ބަދަލުކުރުމަށް އެދުމުން މަރުގެ މައްސަލަތަކުގައި ވެސް ދެން ހިނގާނީ ހަމަ މި އުސޫލުތޯ ސުވާލުކުރައްވައި ހައިލަމްވަނީ ޕީޖީންގެ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން ޢަލީ ވަޙީދުގެ މައްޗަށް 6 ދައުވާއެއް ކުރެވުނުއިރު އެއްވެސް މައްސަލައެއްގައި ހެކިބަސް ނެގިފައި ނުވާއިރު، އެ މައްސަލަތައް ސާބިތުނުވާނެކަން ދައުލަތަށް އެނގުނީ ކިހިނަކުންތޯވެސް ހައިލަމްވަނީ ސުވާލު އުފައްދަވާފައެވެ.
ގާޒީ ހައިލަމް ވަނީ ހެކި ހުރެގެން ދަޢުވާ ކުރެވުނު މައްސަލަތަކެއް، ހެކިބަސް ނަގަން ފެށުމުގެ ކުރިން ފައިލް ކުރުމަށް ޕީޖީ ނިންމެވީ ކޮންމެވެސް ބައެއްގެ ނުފޫޒުގައި ޖެހިގެންކަމީ ދެކޮޅުހެދެން ނެތް ހަގީގަތެއް ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ