ޢާއިޝަތު ރަފާޙް ޢަލީ
މި ބަސްތަކާއި ޢަމަލުތައް ޠާހިރުކުރެވޭނީ އިސްތިޣުފާރުގެ މަތިވެރި ޢަމަލުންނެވެ. އަޅުގަނޑުމެން އެންމެން ވެސް އެދެނީ އަމިއްލަ ނަފްސު އަދި ޢަމަލުތައް އުނިކަމާއި އައިބުތަކުން ސާފުކުރުމަށެވެ. މިކަން ޙާޞިލުކުރެވޭނީ ހަމައެކަނި އިސްތިޣުފާރުގެ ޒަރީޢާއިންނެވެ. އިސްތިޣުފާރަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދުޢާކުރުމެވެ.
ސުބްޙާނަﷲ! އަޅުގަނޑުމެން އަޅުކަން އަދާކުރުމަށްފަހު، ޚާއްޞަކޮށް ނަމާދު ނިންމުމަށްފަހު، އެންމެ ފުރަތަމަ ކިޔަނީ "އަސްތަޣުފިރުﷲ" އެވެ. އަޅުގަނޑުމެން ފާފައެއް ނުކުރި ނަމަވެސް، ނަމާދުގައި ދިމާވެދާނެ އުނިކަމެއްގެ ސަބަބުން، ނުވަތަ ސަމާލުކަން ގެއްލުމުގެ ސަބަބުން، ނަމާދު ނިމުމާއެކު ވަގުތުން އިސްތިޣުފާރު ކިޔަން ފަށަމެވެ. އަދި ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވަނީ ޙައްޖުގެ އަޅުކަން ނިންމާ ފައިބައި އަންނައިރުވެސް އިސްތިޣުފާރު ކިޔުމަށެވެ.
އަޅުގަނޑުގެ އަޚުންނާއި އުޚްތުންނޭވެ! ޙައްޖުގެ ޘަވާބާއި، އިސްތިޣުފާރުގެ ޘަވާބާއި، ފާފަފުއްސެވުމަށް އެދުމުގެ ޘަވާބު ވަރަށް މަތިވެރިވެގެންވެއެވެ. އިން ޝާ ﷲ، މިއަދު އަޅުގަނޑު އޭގެ ތެރެއިން ބައެއް ކަންކަން ބަޔާންކޮށްދޭނަމެވެ.
ފުރަތަމަ ކަމަކަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: طوبى لِمن وجدَ في صَحيفتِهِ استغفارًا كثيرًا"ޠޫބާ" އަކީ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޖަންނަތުގައިވާ ޢަޒީމު، އަޖައިބުވެގެންވާ، ޖަމީލު ގަހެކެވެ. އަދި އަނެއްބައި ބޭކަަލުން ވިދާޅުވަނީ އެއީ އުފާވެރި ޚަބަރެކެވެ. މި ޙަދީޘުގެ މާނައަކީ: "ޤިޔާމަތް ދުވަހު އޭނާގެ ޢަމަލުތަކުގެ ރެކޯޑުގައި ގިނަ އިސްތިޣުފާރު ފެންނާނެ މީހަކަށް އުފާވެރި ޚަބަރު ހުއްޓެވެ."
އަނެއް ރިވާޔަތެއްގައި ވެއެވެ: " من أحب أن تسره صحيفته فليكثر فيها من الاستغفار». "މާނައަކީ: "އޭނާގެ ޢަމަލުތަކުގެ ފޮތުން އުފާވެރިވާން އެދޭ މީހާ، އިސްތިޣުފާރު ގިނަކުރާހުށިކަމެވެ."
މިއީ ނުހަނު މުހިންމު ޙަދީޘެކެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ޤިޔާމަތް ދުވަހު އޭނާގެ ޢަމަލުތަކުގެ ފޮތުން އުފާވެރިވާން އެދޭނެއެވެ. އެހެންކަމުން، އަޅުގަނޑުމެން އިސްތިޣުފާރު ގިނަކުރުމަކީ ލާޒިމު ކަމެކެވެ. މިއީ އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގައި އުފާވެރިކަން ޙާޞިލުކުރުމުގެ މުހިންމު ވަސީލަތެކެވެ.
އަދިވެސް އެހެން ޙަދީޘެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: " منْ لَزِم الاسْتِغْفَار، جَعَلَ اللَّه لَهُ مِنْ كُلِّ ضِيقٍ مخْرجًا، ومنْ كُلِّ هَمٍّ فَرجًا، وَرَزَقَهُ مِنْ حيْثُ لاَ يَحْتَسِبُ މާނައަކީ: "އިސްތިޣުފާރުގައި ދެމިހުންނަ މީހާއަށް ﷲ ކޮންމެ ކަންބޮޑުވުމަކުން ލުޔެއް ދެއްވައެވެ. އަދި ކޮންމެ ދަތިކަމަކުން ނިކުމެވޭނެ މަގެއް ދައްކަވައެވެ. އަދި އޭނާ ހީވެސް ނުކުރާ ގޮތަކުން ރިޒުޤު ދެއްވައެވެ."
މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދަނީ އިސްތިޣުފާރުގެ މަތިވެރިކަމާއި، އޭގެ ސަބަބުން ލިބޭ ފައިދާތަކެވެ. އިސްތިޣުފާރަކީ އަޅުގަނޑުމެންގެ ދުނިޔަވީ އަދި އުޚްރަވީ ޙަޔާތުގައި ކުރިމަތިވާ އެންމެހައި ދަތިތަކުން ސަލާމަތްވުމުގެ މުހިންމު ވަސީލަތެކެވެ. އަދި އޭގެ ސަބަބުން ﷲ ގެ ރަޙްމަތާއި ބަރަކާތް ލިބިގެންދެއެވެ.
އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މުއުމިނަކުވެސް އިސްތިޣުފާރު ގިނަކުރުމަށް މަސައްކަތްކުރުން ލާޒިމުވެގެންވެއެވެ. ދުވާލަކު މަދުވެގެން 100 ފަހަރު އިސްތިޣުފާރު ކިޔުމަކީ ވަރަށް މުހިންމު އަދި ފަސޭހަ ޢަމަލެކެވެ. އަދި ހުރިހާ ވަގުތެއްގައިވެސް، ޚާއްޞަކޮށް ނަމާދަށްފަހު އަދި ރޭގަނޑުގެ ފަހު ބައިގައި އިސްތިޣުފާރު ކިޔުމަކީ ވަރަށް މާތް އަދި ދަރުމަ ގިނަ ޢަމަލެކެވެ.
އަޅުގަނޑުމެން އިސްތިޣުފާރު ކުރާއިރު، އެކަމުގެ މާނަ ވިސްނައި، ހިތުގެ އަޑިން ތައުބާވެ، ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމަށް ނިޔަތްގަނެ، އިޚްލާޞްތެރިކަމާއެކު ކިޔުމަކީ މުހިންމު ކަމެކެވެ. އަދި އިސްތިޣުފާރާއެކު ހެޔޮ ޢަމަލުތައް ކުރުމަށް މަސައްކަތްކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ﷲ އަޅުގަނޑުމެން އެންމެންނަށް އިސްތިޣުފާރުގެ މަތީގައި ދެމިތިބުމުގެ ތައުފީޤު ދެއްވާށިއެވެ. އަދި އަޅުގަނޑުމެންގެ ފާފަތައް ފުއްސަވައި، އަޅުގަނޑުމެންނަށް ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން މިންވަރުކުރައްވާށިއެވެ. އާމީން.
އެންމެ އުފާވެރި ޚަބަރު ލިބުން އެދިގެންނާ ކުރިމަތިވާ ކޮންމެ ކަމަކުން ސަލާމަތްކަމަށް އެދިގެން ކުރަން އޮތް ޢަމަލު-: ޝައިޚް މުހައްމަދް ބާޖޫރް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ