ގެއަކުން ވަގަށްނެގި ތަކެތީގެ ތެރޭގައި ބައިފޮތި ޕާން

އައްޑޫސިޓީ ހިތަދޫގެ ގެއަކުން ބައިފޮތި ޕާން ހިމެނޭހެން ވަގަށް ނެގި ގިނަ އަދަދެއްގެ ކާބޯތަކެތި ފުލުހުން ހޯދައި ރައްދުކޮށްދީފިއެވެ.
އައްޑޫސިޓީ ޕޮލިހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިތަދޫ ރޫބީ ގެއިން ވަގަށްނެގި ތަކެތި ހޯދައި އެގޭގެ މީހުންނަށް އެތަކެތި ރައްދުކޮށްދީފައިވާކަމަށެވެ. ވަގަށްނެގި ތަކެތީގެ ތެރޭގައި މަތިޖެހި އެއްޗަކަށް ލާފައިހުރި ބައިފޮތި ޕާނާއި، ބިސްކޮތަޅަކާއި، ގެރިކިރުދަޅަކާއި، މައިލޯ އަދި ކިރުދަޅެއްގެ އިތުރުން ރިހާކުރު ފުޅިއަކާއި ކޮފީ ޕެކެޓާއި އަދިވެސް އިތުރު ތަކެތި ހިމެނެއެވެ. 
ފުލުހުން ބުނީ އެތަކެތި ވަގަށް ނަގާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ރަށްރަށުގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާއިރު، ގޭގެ ބަދިގޭގައި ހުންނަ ސާމާނު ވަގަށް ނެގުމަކީ ބައެއް ރަށްރަށުގައި ވަރަށް އާއްމުކަމެކެވެ. 
ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެގިނައިން ހުށަހަޅަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރު އެކަނިވެސް ތިންހާހަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ