އަނެކާއަށް ހެޔޮކޮށްހިތުމުންވެސް ތިމާއަށް ނުބައިކޮށް ކަންކަންކުރީމަ ދެރަވެވޭ މައްސަލައަށް އޮތް ހަމައެކަނި ޙައްލު!

ބައެއް މީހުން އެމީހުންގެ އެކުވެރިޔާއަށްޓަކައި ތިމާ އެންމެ ލޯބިވާ މީހާވެސް އެބަ ދޫކޮށްލައެވެ. އެފަދަ އަގުބޮޑު ހަދިޔާއެއް ދިނުމުންވެސް، ހަދިޔާ ލިބޭފަހުން ހަދިޔާދިން އެކުވެރިޔާގެ ދިލަތިކަން އެބަ ހަނދާން ނައްތައިލައެވެ. އަދި މަދުން ނަމަވެސް ދުޝްމިނުންނަށްވެސް އެބަ ބަދަލުވެއެވެ. އަނެއް ބައަކު ދުޝްމިނުންނަށް ބަދަލުނުވި ނަމަވެސް އެކުވެރިކަންމަތިން އެބަހަނދާން ނައްތާލައެވެ. ގުޅުން ކަނޑާލައެވެ. ނުވަތަ ދުރުވެގަނެއެވެ.
މިފަދަ ކަންކަމަކީ ހަމަ ހިނގާނެ ކަންކަމެވެ. ސަބަބަކީ އެންމެންގެ ހިތުގައި ދީލަތިކަމާއި ވަފާތެރިކަން އެއްވަރުނުވެދާނެތީއެވެ. އިންޞާފަށް ލޯބިކުރުމާއި އަގުވަންކުރުމުގައި މައްސަލަތައް ކުރިމަތިވަނީ އެހެންވާތީއެވެ.
މީހަކަށް ކަންކަން ކޮށްދޭއިރުވެސް އަދި އެއްޗެއް ދިންނަމަވެސް އެއިގެ ބަދަލުގައި އެފަދަ ކަމެއް އޭނާ ތިބާއަށް ކޮށްދީފާނެ ކަމަށް ހީވެސް ނުކުރާށެވެ! އެހެނީ އޭނާގެ ހިތަކީ ތިބާގެ ހިތް ފަދަ ދީލަތި ހިތަކަށް ނުވެދާނެއެވެ!
ކޮންމެއަކަސް އެކުވެރިޔާއަށްޓަކައި ބޮޑެތި ކަންކަން ކޮށްދިނުމުން އެކަމުގެ އަގުވަޒަން ނުކުރުމުން މާޔޫސްވުމަކީ މެދުވެރިވަމުން އަންނަ ކަމެކެވެ. ޙައްލަކީ ކޮންމެ މީހަކަށް ކޮންމެ ކަމެއް ކޮށްދިންނަމަވެސް އަދި އެމީހަކަށްޓަކައި ކިތަންމެ ބޮޑު ޤުރްބާނީއެއްވީނަމަވެސް އެކަންކަން ކުރަންވާނީ އަނެކާގެ ކިބައިން ކިތަންމެ ކުޑަނަމަވެސް ބަދަލެއް ނުލިބޭނެކަމަށް ބަލައިގެންނެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދިގެންނެވެ. އެއިރުން ދެރަވެ މާޔޫސްވާކަށް ނުޖެހޭނެއެވެ! އަޅައިވެސް ނުލާ ހުރެވޭނެއެވެ! އިން ޝާ ﷲ
އަނެކާއަށް ހެޔޮކޮށްހިތުމުންވެސް ތިމާއަށް ނުބައިކޮށް ކަންކަންކުރީމަ ދެރަވެވޭ މައްސަލައަށް އޮތް ހަމައެކަނި ޙައްލަކީ މިއީއެވެ. އަދި މިގޮތަށްވެސް ވިސްނާށެވެ! މީހަކަށް ހެޔޮކޮށް ހިތީމާ ބަދަލަށް ކިތަންމެ ބައިވަރު ކަންކަން ކޮށްދިންނަމަވެސް ﷲ ތަޢާލާ ދެއްވަވާނެ އެންމެ ޘަވާބަކާއިވެސް އެއްވަރެއް ނުވާނެއެވެ. ހަމައެއާއިއެކު މީހަކަށް ކިތަންމެ ބޮޑު ކަމެއް ކޮށްދިނަސް އެއީ އެމީހާގެ ކިބައިން ކިތަންމެ ކުޑަކުޑަ ނަމަވެސް ބަދަލަކަށް އެދިގެން ކޮށްދިންކަމެއްނަމަ އެކަން އޮންނާނީ އެދެމީހުންގެ މެދުގައެވެ. ޘަވާބެއް ނުދެއްވަވާނެތެވެ. ކުރިން ބުނިފަދައިން ޘަވާބު ލިބޭނީ ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ކުރާ ކަންކަމުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ