ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ސައިކަލެއްގައި ޖެހި، ދުވާރު މައްޗަށް
ހުޅުމާލޭގައި މިއަދު ކާރެއް ކޮންޓްރޯލުން ނެއްޓި، ސައިކަލެއްގައި ޖެހުމަށްފަހު، ދުވާރު މައްޗަށް އަރައިފިއެވެ. ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓުކޮށްފައިވަނީ ހެނދުނު 06:00 އެހާކަށްހާއިރު ކަމަށެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅު މަގުގައި ކަމަށެވެ. އެގޮތުން ކާރު ކޮންޓްރޯލު ނުވީ، ކުރިމަތިން އައި ކާރަކުން ދުރަށް ޖެހި، ދާން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ކާރު ގޮސް ސައިކަލެއްގައި ޖެހި، ފިހާރައެއްގައި ވެސް ޖެހިފައިވާ ކަމަށެވެ. އެ ހާދިސާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ކާރު ގޮސް ޖެހުމުގެ ސަބަބުން ފިހާރައަށް ގެއްލުމެއް ވެފައިވާ މަންޒަރެއް ނުފެނެއެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ކާރުގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 2،537 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ