ކޯޓުން ވަނީ އަމުރެއް ނެރެފައި، ރަނގަޅު ގޮތަކީ އެއަށް ހުރިހާ ރައްޔިތުން އަމަލުކުރުން: ރައީސް

”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހުރިހާ ރައްޔިތުންވެސް ބޯލަނބަންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާއިން ނެރޭ އަމުރުތަކަށް ތަބާވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރުން ނިންމި ނިންމުމެއް ނޫންކަމަށާއި، ޝަރުއީ ދާއިރާގެ މަސައްކަތްތައް ހިނގާނީ މިނިވަންކަމާއެކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ”ގެގް އޯޑަރު“ ގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. މި އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އެކަން ކުރަންވާނީ ގާނޫނުއަސާސީ އާއި އިސްލާމްދީނުގެ ހަމަތަކުގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިކަމުގެ ފާހަކީ މީހުންގެ އަބުރަށް އަރައިގަތުމަށް ދޫކޮށްފައިވާ ލައިސެންސެއް ނޫންކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ”އަދަދު“ ނޫހުގެ ނޫސްވެރިޔަކު އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ސުވާލުކޮށް ރައީސަށް އިތުރު ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ވާހަކަ ދެއްކުމުން، އޭނާ ކޯޓު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށް ބަލައި، ރައީސް ވަނީ އޭނާ ޕްރެސް މާލަމުން ނުކުތުމަށް އަންގަވާފައެވެ.
ކްރިމިނަލް ކޯޓުން އަމުރު ނެރުނުއިރު ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުގެ ދައުވާ ވަނީ އުފުލާފަ އެވެ. އަދި ކޯޓުގެ މި އަމުރުގައި ވަނީ، މީހެއްގެ މައްޗަށް ކުށް ސާބިތު ނުވަނީސް އެމީހެއްގެ އަބުރަށް އަރައިގަތުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ