ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމާ ގުޅިގެން އެ ކޯޓުން ބަލަމުން އަންނަ މައްސަލާގައި ހުކުމް ކުރުން މިރެއަށް ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުއްގިރި މައްސަލާގައި ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކިތަކާއި ދައުލަތުގެ ސިއްރު ހެކިތަކެއް ހާމަކޮށްދިނުމަށް އެދި ޔާމީންގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދަވާ ގާޒީ އަލީ ނަދީމް މިދިޔަ 14 ފެބްރުއަރީގައި ނިންމެވި އެވެ.
އެކަމާ ހިތްހަމަނުޖެހިގެން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ބަދަލުކުރާނެ ތަނެއް ނެތް ކަމަށެވެ. އެ ފަހުން ސްޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައި ވާއިރު، މިދިޔަ ހޯމަ ދުވަހު މައްސަލައިގެ އަޑުއެހުންތައް ސްޕްރީމް ކޯޓުން ނިންމާލި އެވެ.
މިދިޔަ ހޯމަ ދުވަހު އަޑުއެހުންތައް ނިންމަވާލައްވަމުން ސްޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސުއޫދު ވިދާޅުވީ މި ހޯމަ ދުވަހު ހުކުމް ކުރެވޭނެ ކަމަށް އުންމީދުުކުރައްވާ ކަމަށެވެ.
ތަފްސީލް - އާންމުކޮށް މައްސަލަތައް ތާވަލުކުރާ ގަޑީގައި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް މިއަދު ތާވަލުކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމަށް ވެސް އެއްވެސް އެއްޗެއް ކޯޓުން އަންގާފައި ނުވާކަން އެ ޓީމުން މިއަދު 'ދުއުރު'އަށް ކަށަވަރުކޮށްދިނެވެ.
ނަމަވެސް، މިހާރު ވަނީ މިރޭ 8:30އަށް ޝަރީއަތުގެ މަޖިލީހެއް ތާވަލުކޮށްފަ އެވެ. މިރޭ ހުކުމް ކުރުން ކުރިއަށްދާނީ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ އާއި ފުއްގިރި މައްސަލާގައި ދައުވާ އުފުލާފައިވާ އަހްމަދު ކުރިކް ރިޒާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައާ އެކު އެވެ.
އެނގުން މުހިންމު - ސްޕްރީމް ކޯޓުގައި ޔަމީންގެ ފަރާތްޕުޅުން އެދިފައި އޮތީ:
ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަކީ ޔާމީންގެ އަދާވާތްތެރިން ކަމަށް ވުމުން، އެ މީހުންގެ ހެކި ބަލައިނުގަތުމަށް ކަނޑައަޅައިދިނުމަށް
ވަކިވަކި ހެކިތަކާ މެދު އަލުން ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް އެންގުމަށް
މައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔުންތައް ދީ، ތަހުގީގުގެ ލޮގް ހިއްސާކުރުމަށް
އަލަށް އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގެ ދަށުން، ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހަޅުންތައް އަލުން ހުށަހަޅަން ފުރަސަތު ދިނުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްދޭން
ހައި ކޯޓުން މި މައްސަލައިގައި ނިންމާފައިވާ ނިންމުން ބާތިލުކުރުމަށް
ކުރިކް ރިޒާގެ ފަރާތުން އެދިފައި އޮތީ:
މައްސަލައިގައި ދައުވާ ކުރަން ޖެހެނީ، ގާނޫނުލްއުގޫބާތުން ކަމަށް ކަނޑައަޅައިދޭން
އަދީބާއި ޒިޔަތުގެ ހެކިބަހުގެ އަދުލުވެރިކަން ގެއްލިފައިވާތީވެ، ކްރިމިނަލް ކޯޓުން ހަސްމުންނަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު، އެ ހެކިބަހާ ގުޅޭ ގޮތުން އެ ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް
އަދީބާއި ޒިޔަތު ތަހުގީގަށް ދީފައިވާ ބަޔާނުގެ އޯޑިއޯ އަދި ވީޑިއޯ ރިކޯޑުކުރުމަކީ ގާނޫނީ ގޮތުން ލާޒިމްކުރާ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް
ސުޕްރީމް ކޯޓުން ފުއްގިރި މައްސަލައިގެ އިސްތިއުނާފީ ހުކުމް މިރޭ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ