ބޯހިޔާވަހިކަމާ ގުޅުންހުރި މަސައްކަތްތައް އެންމެ ބާރު ސްޕީޑުގައި ކުރިއަށްދާނެ: ރައީސް

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް 4 މަސްތެރޭ ނިންމާނެކަމަށާއި، ގޯތި ކަނޑާ ހަވާލުކުރުމުގެ މަސައްކަތްތައް ބާރު ސްޕޯޑްގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހުޅުމާލޭގެ ފޭސް 2 އަދި ފޭސް 3 ގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށް ފަހުގައެވެ.
ހުޅުމާލޭ ފޭސް 2 ގެ މަސައްކަތް ބައްލަވާލައްވާ ރައީސް ވިދާޅުވީ ބިންތައް ސާފުކުރެވެމުންދާ ވަރަކަށް ގޯތިތައް ކަނޑާ ހަވާލުކުރުން މިހާރުވެސް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. އަދި މިހާތަނަށް ހަވާލުކުރެވުނު ބިންތަކުގައި އިން ވަކިކުރުމަށް ރޭނުމުގެ މަސައްކަތްތައް ބިމުގެ ވެރިން ކުރަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ، ހަވާލުކުރި ބިންތަކުގައި އިމާރާތްކުރުމަށް ކުރެހުންތައް ހުށައެޅުމުން، އެކަމުގެ ހުއްދަތައް ދިނުމުގެ މަސައްކަތްތައްވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިހާރު ކުރަމުންދާކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ދެއްވި ޔަޤީންކަމަކީ ނިމުނު ސަރުކާރުން ކަނޑައެޅި ލިސްޓާ އެއްގޮތަށް، ގޯތިތައް ހަވާލުކުރުން މި ސަރުކާރުން ކުރިއަށްގެންދާނެކަމުން ޔަޤީންކަމެވެ.
"އަޅުގަނޑުގެ ވަޢުދާ އެއްގޮތަށް ގޯތި ލިސްޓުގައި ހިމެނޭ އެންމެނަށް ގޯތި ހަވާލުކުރާނަން. އެ މަސައްކަތްތައް ބާރު ސްޕީޑްގައި ދަނީ ކުރިއަށް. ބިން ހަވާލުކުރެވުނު މީހުން އިމާރާތްކުރުމާ ގުޅޭ މަސައްކަތްތައް އަވަހަށް ފަށަނަންވީ." ރައީސް ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 3 ގެ ގޮތުގައި ހިއްކަމުންދާ ސަރަޙައްދުވެސް ރައީސް ވަނީ ބައްލަވާލައްވާފައެވެ. މި ޕްރޮޖެކްޓްގައި 63 ހެކްޓަރު ހިއްކައެވެ. ތިން ބަޔަކަށް ބަހާލައިގެން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުރިއަށް އޮތް 4 މަސްތެރޭ ފޭސް 3 ގެ މަސައްކަތް އެއްކޮށް ނިންމާލެވޭނަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ގޯތި ލިސްޓުގައި ހިމެނޭ 700 ގޯތި ދޫކުރާނީ މި ބިމުން. ބިން ލިބެމުންދާވަރަކަށް ހަވާލުކުރަމުން ދާނީ. މި ފޭސްގެ މަގު ހެދުމާއި ފެނާ ނަރުދަމާގެ މަސައްކަތް ވަނީ ހަވާލުކޮށްފައި." ރައީސް ވިދާޅުވިއެވެ.
4000 ހައުސިން ޔުނިޓް ހަވާލުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އޭސީސީން އެ މައްސަލަ ބަލާ އެންމެ އިންސާފުވެރި ކަމާއެކު އެ މަސައްކަތް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ރައީސް ވިދާޅުވީ ލިސްޓުގައި ހިމެނޭގޮތަށް އެންމެ ޙައްގުވެރި ފަރާތްތަކަށް ފްލެޓް ދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދޭކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ސަރުކާރުން އަޅާ ފްލެޓްތަކުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށެވެ.
"އިތުރު ފްލެޓްތައް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނަން. އަދި މާލެއާއި ވިލިމާލެއަށް ކަނޑައަޅާފައިވާ ހައުސިން މަސައްކަތްވެސް މިއަހަރު ފަށާނަން. ގޯއްޗާ ފްލެޓްގެ މަސައްކަތްތައް ހިމެނޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޗައިނާގެ ސީއެމްއީސީއޭއާއެކު ހަދާފައިވާ އެއްބަސްވުމުގެ ކޮންސެޝަނަލް ލޯނު އަދި އެގްޒިމް ފައިނޭންސް ލޯނާއެކު 30000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްތައް ފަށާނެކަމަށެވެ. މީގެތެރޭގައި ގޯއްޗާއި ފްލެޓްގެ މަސައްކަތްތައް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫޢުއަކީ ފުށިދިއްގަރު ފަޅުގައި ކުރިއަށްގެންދާ "ރަސް މާލެ މަޝްރޫއުއެވެ. މި ޕްރޮޖެކްޓަށް 1153 ހެކްޓަރު ހިއްކައެވެ. މި ޕްރޮޖެކްޓަކީ 65000 ގެދޮރުގެ ޕްރޮޖެކްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ