އާދީއްތަ ދުވަހު ވޯޓުލާއިރު ޔަޤީންކުރަން އޮތް އެންމެ ބޮޑުކަމަކީ އެވޯޓުގެ ސަބަބުން ﷲ ތަޢާލާގެ ދީނަށް ނިކަމެތިކަން ލިބި ތިމާ ފާފަވެރިނުވާނެކަން!

މާތް ﷲ އެންމެހައި ޖިންނީންނާއި އިންސާނުން ލައްވަވާފައި މިވަނީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށެވެ. އެކަލާނގެ ދީނަށް ނަޞްރުދިނުމަށެވެ. އިސްލާމް ދީން ކުރިއަރުވަން މަސައްކަތްކުރުމަށެވެ. 
އެހެންކަމަށްވާއިރު ކުރާ ކޮންމެ ކަމެއްވެސް ކުރަން ޖެހޭނީ މިމަޤްޞަދުތައް ޙާޞިލްކުރެވޭނެ ގޮތަކަށެވެ. އެނޫން ގޮތަކަށް މަސައްކަތްކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ނުޖެހިއެއް ނުދާނެއެވެ. އެއީ ކޮންމެ މުސްލިމަކަށްވެސް ޔަޤީންވާނެ ކަމެކެވެ. 
އެމްޑީޕީއަށް މަޖިލީހުގެ ސްޕަމެޖޯރިޓީ އޮވެ، މަޖިލީހުގެ ރައީސްކަމާއި ނައިބްރައީސްކަންވެސް އޮވެމެ ފާއިތުވި 5 އަހަރު ދުވަހު މަޖިލީހުގައި އިސްލާމް ދީނަށް ކުރި ފުރައްސާރަތައް ވަނީ ލޮލަށް ފެނި އަޑުއިވިފައެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކަށް ގޮންޖަހައި ކުރި ކަންތައްތައް ވެސް ވަނީ އެނގިފައެވެ. އެމްޑީއެންގެ އިސްމީހުން ސަރުކާރުގެ ބޮޑެތި މަޤާމުތަކަށް ލައިގެން ހިންގާފައިވާ ކަންކަންވެސް މިވަނީ ފެނިފައެވެ. 
ދާދިކުދިކުދި އާދައިގެ ކަންކަމާއި ގުޅިގެންވެސް މަޖިލީހުން ކަންބޮޑުވެ މީހުން ޙާޒިރުކޮށް، ސުވާލުކޮށް ތަޙްޤީޤް ހިންގައި ޤަރާރުތައް ހުށަހަޅައި ފާސްކުރިކަން އެންމެންނަށްވެސް އެނގޭނެއެވެ. 
ފާއިތުވި ފަސްއަހަރަކީ ރާއްޖޭގައި އިސްލާމް ދީން ނިކަމެތިކުރަން އެންމެ ބޮޑަށް މަސައްކަތްކުރެވުނު ފަސް އަހަރެވެ. ފައުޅުގައި ޝިރުކުގެ ޢަމަލުތައް ކުރަމުން ގެންދިއަ 5 އަހަރެވެ. ފައުޅުގައި މަގުމަތީގައި އެހެން ދީންތަކަށް އަޅުކަންކުރުމުގެ ޢަމަލުތައްވެސް ވަނީ ހިންގައިފައެވެ. ނަމާދުކުރަން މިސްކިތްތައް ބަންދުކޮށް މިސްކިތްތައް ނަޖިސްކޮށް މަސްތުވާތަކެތި ބޭނުންކުރަން ފުރުޞަތުދިނެވެ. މިސްކިތްތަކަށް ޤަޟާ ޙާޖަތްކުރަން ދޫކޮސްލިއެވެ. 
މިފަދަ އެއްވެސް ކަމަކާއި ގުޅިގެން މަޖިލީހުން ކުރީ ކޮންކަމެއްތޯއެވެ؟ ކަންބޮޑުވިތޯއެވެ؟ ކަމާއިބެހޭ ފަރާތްތައް ޒިންމާދާރުކުރުވަން އެއްވެސް ކަމެއް ކުރިތޯއެވެ؟ 
ޙަޤީޤަތަކީ މިއީކަމަށްވާއިރު 2 ކަފިވިޔަސް 3 ކަފިވިޔަސް ބައަކީ އެއްބައެކެވެ. އެފަދަ ބައަކަށް ތާއީދުކުރުމާ މަޖިލީހުގެ މެންބަރުންކަމަށް ހޮވަން ވޯޓުދިނުމަކީ ކިހައިވަރެއްގެ ކަމެއްކަމާއިމެދު ކޮންމެ ރައްޔިތަކުވެސް ފުންކޮށް ވިސްނައިލާންވާނެއެވެ. ތިމާލީ ވޯޓާއިމެދު ސުވާލުކުރައްވަވާނެ ދުވަހަށް ބިރުވެތިވެގެން ނޫނީ ﷲ ތަޢާލާގެ ޙަޟްރަތުން ސަލާމަތްކަން ލިބިގަނެވޭނީ ކޮންގޮތަކުން ކަމާއިމެދުގައިވެސް ވިސްނާނުލައި އާޚިރަތް ދުވަހު ސަލާމަތްވެވޭނެތޯއެވެ؟ 
ވީމާ ކޮންމެ ރައްޔިތަކުވެސް ވޯޓުލުމުގެ ކުރިން މިކަންކަމަށް ވިސްނައިލުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ