އޮޕަރޭޝަން ކުރަނގި: މިހާތަނަށް ހިންމަފުށީގެ 532 ބިދޭސީންގެ މައުލޫމާތު ނަގައިފި

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެ ހޯދުމަށް ފަށާފައިވާ އޮޕަރޭޝަން "ކުރަނގި" ގެ ދަށުން މިހާތަނަށް 532 ބިދޭސީންގެ މައުލޫމާތު ނަގައިފިއެވެ. މިކަން ހާމަކުރެއްވީ ދާޚިލީ ސަލަމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ކުރެއްވި ޕޯސްޓެއްގައެވެ.
މި މަހުގެ ދެވަނަ ދުވަހު އޮޕަރޭޝަން "ކުރަނގި" ފަށާފައިވަނީ ކ. ހިންމަފުށީގައެވެ. އެ ރަށުގައި ދިރިއުޅޭ 532 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ކަމަށްވާ އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަން ހަދަން ބޭނުންވާ ފޮޓޯ ނަގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ. އަދި ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްފައި އެއްފަހަރާ މި މަސައްކަތް ފަށާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މި އޮޕަރޭޝަން ކުރިއަށްގެންދިއުމުގައި ހިންމަފުށީ ކައުންސިލުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.
އޮޕަރޭޝަން "ކުރަނގި" ފެށުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މަގުސަދެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ