އެމްއެމްޕީއާރުސީއިން އޭޓީއެމް 2024 ގައި "ސަނީ ސައިޑް އޮފް ލައިފް" ޕްރޮމޯޓް ކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)އިން އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. 
އެމްއެމްޕީއާރްސީން ބުނީ އެ ކުންފުންޏާ، ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގެ 123 ފަރާތްތަކާއި، 253 މަންދޫބުންނާއިއެކު އޭޓީއެމް ފެއާގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާއިރު މި ފެއަރ އޮންނާނީ މެއި މަހުގެ 6 ން 9 ވަނަ ދުވަހުގެ ނިޔަލަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކަމަށެވެ. 
އަރަބިއަން ޓްރެވަލް މާކެޓަކީ މެދުއިރުމަތީގައި ވަރަށް މަޝްހޫރުކަން ހޯދާފައިވާ ޕްރިމިއާ ޕްލެޓްފޯމެކެވެ. މި ހަރަކާތުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަނަކުން ބައްދަލުވެ، ގުޅުން ގާއިމުކޮށް އާވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމެވެ.
ހަތަރު ދުވަހަށް ދެމިގެންދާ މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް މިދާއިރާގެ ތަޖުރިބާކާރުންނާއި ވިޔަފާރިވެރިންނާ ބައްދަލުކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މި ހަރަކާތުގެ ތީމް ކަމަށްވާ "ޓްރާންސްފޯމިންގ ޓްރެވަލް ތްރޫ އެންޓްރަޕްރިނިއަރޝިޕް" އޭޓީއެމް 2024 އާއި އެއްގޮތަށް، މި ފެއަރގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގައި ފަތުރުވެރިކަމާއި ވިޔަފާރިވެރިކަމުގައި މުޖުތަމައު ބާރުވެރިކުރުމާއި، އަމިއްލަ އެފެއްދުންތެރިކަން އިތުރުކުރުމާއި، އާމްދަނީ އިތުރުވުމާއި އަދި ދިގުމުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމާބެހޭ ކަންކަން ކުރިއަށް ގެންދިއުމެވެ.
އެހެންކަމުން، މި އިވެންޓުގެ ޒަރިއްޔާއިން ދެމެހެއްޓެނިވި ދަތުރުފަތުރުގެ ތަޖުރިބާއާއި އުފެއްދުންތެރިކަމަށް ހުޅުވާލެވިގެންދާ އަގުހުރި ފުރުސަތަކަށް ވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. 
އެމްއެމްޕީއާރުސީއިން އިތުރަށް ބުނީ، މިއިވެންޓް ވެގެންދާނީ މެދުއިރުމަތީގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހިރާއްޖޭގެ ނަން ފުޅާވެގެންދާނެ ހަރަކާތެއްގެ ގޮތުގައި ކަމަށާ މެދުއިރުމަތީގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުންތައް އާލާކުރަންލިބޭ މި ފުރުސަތުގެ ސަބަބުން، ދިވެހިރާއްޖޭގެ މާކެޓުގައި ފަތުރުވެރިކަމަށް ލިބޭ މަޤްބޫލުކަން އިތުރުވެގެންދާނެ ކަމަށެވެ. ހަމައެހެންމެ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ހުށަހެޅުންތައް އެހެން ޤައުމުތަކާ ހިއްސާކުރުމަށާއި، ސަރަހައްދީ އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ މާހިރުންނާއެކު ކައިރިން މުއާމަލާތްކޮށް ގުޅުންބަދަހިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށްވެސް ބުންޏެވެ.
އެމްއެމްޕީއާރްސީން ބުނެފައިވާގޮތުން އޭޓީއެމް 2024 ގައި ދިވެހިރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓްރެވަލް ޓްރޭޑުގެ މުހިންމު މަންދޫބުންނާއި އެހެނިހެން ތަޖުރިބާކާރުންނާއި ބައްދަލުކޮށް އުފެއްދުންތެރިކަމުގެ ގުޅުން ބަދަހިކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. ހަމައެއާއެކު، ފެއަރގެ ބައިވެރިންނަށް ރާއްޖޭގެ ރަށްތަކުގެ ރީތިކަން އިޙްސާސްކުރުމުގެ ގޮތުން، 360 ޑިގްރީގެ ވީޑިއޯ ބޫތެއް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ދިވެހިރާއްޖެއަކީ ތަފާތު އަދި މުއްސަނދި ޘަގާފަތެއް އޮންނަ ގައުމެއްކަން ދައްކުވައިދިނުމަށްޓަކައި މި ފެއަރގައި ރާއްޖޭގެ ޘަގާފީ ހަރަކާތްތައްވެސް ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.  
މީގެ އިތުރުން އެމްއެމްޕީއާރްސީން ބުނީ، ދިވެހިރާއްޖެއިން ތަމްސީލުކުރާ ސްޓޯލުގެ އިތުރުން، ވިޒިޓް މޯލްޑިވްސްއިންވެސް އެތަކެއް ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، "މޯލްޑިވްސް މީޑިއާ މީޓް" ގެ ނަމުގައި ބާއްވާ ޕްރެސް ކޮންފަރެންސް، ފެއަރގެ ފުރަތަމަ ދުވަހު ބޭއްވޭނެ ކަމަށާ، މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި މެދުއިރުމަތީގެ ކުރިއަރަމުންދާ ތަޖުރިބާކާރުންނަށް ދިވެހިރާއްޖޭއާބެހޭ އެންމެފަހުގެ ޙަބަރުތައް ފޯރުކޮށްދެމުން ގެންދެވޭނެ ކަމަށެވެ. އަދި، ގުރުއަތުންހޮވޭ 3 ނަސީބުވެރިއަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށްވެސް އެމްއެމްޕީއާރްސީން ބުންޏެވެ.
އެމްއެމްޕީއާރްސީން ބުނެފައިވާ ގޮތުން މި ގުރުއަތުން ލިބޭ އިނާމު ސްޕޮންސަރ ކޮށްދެއްވައިފައިވަނީ ވިލާ ރިސޯޓްސްއާއި، ޕުލްމަން މޯލްޑިވްސް މާމުޓާ އަދި އެރީނާ ހޮޓަލްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ