އެޑް ޝީރަންގެ އާ ލަވައިގައި އިންޑިއާގެ ބީޓުތަކާ އެކު އަރިޖީތު އާއި ޝާހު
ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އިނގިރޭސި ލަވަކިޔުންތެރިވާ އެޑް ޝީރަންގެ އާ އަލްބަމް "ޕްލޭ"ގެ ފުރަތަމަ ލަވަ އިންޑިއާގެ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް އާއި އެކްޓަރު ޝާހުއާ އެކު އާއްމުކޮށްފިއެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާ ފުލް އަލްބަމް "ޕްލޭ" ނެރުމުގެ ކުރިން އާއްމުކުރި މި ލަވައަށް ކިޔަނީ "ސެފައާ"އެވެ. އިނގިރޭސި ބަހުން ގެނެސްދީފައިވާ މި ލަވައިގެ ބައެއް ބީޓުތަކާއި ކަޑިތަކަކީ ހިންދީ ބަހުން ގެނެސްދީފައިވާ އިންޑިއާގެ މިއުޒިކްގެ ވައްޓަފާޅި އަޑުއިވިގެންދާނެ ލަވައެކެވެ. މި ލަވައިގައި އެޑް ވަނީ އިންޑިއާގެ ޕަންޖާބު ބަހުން ވެސް ބައެއް ބައިތައް ކިޔާފައެވެ. މި ލަވަ އާއްމުކުރުމަށްފަހު އެޑްގެ ރަސްމީ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ އިންޑިއާގެ ގޯއާގައި ބޮޑު ބައެއް ރެކޯޑުކުރި މި ލަވައަކީ އިންޑިއާގެ އެންމެ މަގުބޫލު އަދި ކާމިޔާބު މިއުޒީޝަނުންގެ އެހީއާ އެކު ވުޖޫދަށް ގެނެވުނު އުފެއްދުމެއް ކަމަށެވެ. އަރިޖިތު ސިންގް އަދި އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އެކީގައި ސްޓޭޖްމަތީގައި ލަވައެއް ހުށަހަޅައިދެނީ--ފޮޓޯ/ފިލްމުފެއަ އިންޑިއާއަށް މިދިޔަ އަހަރުތެރޭ އެޑް ކުރި ދަތުރުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި މި ލަވައިގެ މަންޒަރުތައް ޝޫޓުކޮށްފައިވާއިރު އިންޑިއާގެ ކާމިޔާބު ލަވަކިޔުންތެރިޔާ އަރިޖިތުގެ އިތުރުން މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ވެސް "ސެފައާ" ލަވައިން ފެނެއެވެ. ޝާހުގެ ފެނިލުމާ އެކު އެކްޓަރަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށްފައެވެ. މިއުޒިކީ ދުނިޔޭގެ އެންމެ މަޝްހޫރު މިއުޒީޝަނުންގެތެރޭ ހިމެނޭ އެޑް އަކީ އިންޑިއާގެ ފިލްމީ ތަރިންނާއި މިއުޒީޝަނުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ލަވަކިޔުންތެރިއެކެވެ. އިންޑިއާގެ އެންމެ ބޮޑު ޑިމާންޑެއް އޮންނަ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްއާ އެކު އެޑް މި ލަވައިގައި ފެންނަ ގިނަ މަންޒަރުތައް ޝޫޓްކޮށްފައި ވަނީ އަރިޖިތު ދިރިއުޅޭ އޭނާގެ އަމިއްލަ އަވަށުގައެވެ. އަރިޖިތު ވަނީ މީގެ ކުރިން ވެސް އެޑްއާ އެކު ލައިވް ޝޯއެއްގައި ޕާފޯމްކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގައި އަރިޖިތު ބޭއްވި އަމިއްލަ މިއުޒިކް ޝޯއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ