މާލެއިން ގެއްލިގެން ހޯދަމުން އަންނަ 30 އަހަރުގެ މީހާ އަދިވެސް ނުފެންނަ ކަމަށާއި މިހާތަނަށް ބެލިބެލުމުގައި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާ ކަމަށް ފުލުހުން ބުނެފިއެވެ.
އުމުރުން 30 އަހަަރުގެ ގ. ގާނެޓް، ހަސަން ޔާމީން މި މަހުގެ 11 ވަނަ ދުވަހު ރޭގެ 9:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާ ގެއްލުނުތާ މިއަދަށް ހަފްތާއެއް ވެފައިވާ އިރު ޔާމީން ހޯދުމަށް ފުލުހުން އަންނަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުްނނެވެ.
މި ކޭސްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް، ފުލުހުންނާ ގުޅުން ހުރި ބަހާތަކަށާއި އެހެނިހެން މުއައްސަސާތަކަށް އެ މައުލޫމާތު ވާނީ ފޯރުކޮށްދީފައި ކަމަށެވެ. އަދި ތަހުގީގުގެ މަސައްކަތްތައް ފަށައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ވަނީ އަޅާފައި ކަމަށެވެ.
މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރި އިރު، ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިނގާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު އެޕާޓްމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ތަހުގީގުން ވަނީ ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާގުޅުން ހުރި އިދާރާތަކުން ކަށަވަރު ކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. ޔާމީން ހޯދުމަށްޓަކައި، ކުރެވެން ހުރި އެންމެހާ މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ހަސަން ޔާމީންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ގުޅުއިގެން ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.
ގެއްލިގެން ހޯދަމުން އަންނަ ޔާމީން ރާއްޖެއިން ބޭރަށް ނުފުރާ ކަން ކަށަވަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ