މޯލްޑިވް ގޭހުގެ އައު މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އެ ކުންފުންޏާއި މިއަދު ހަވާލުވެވަޑައިގެން މިއަދު އޭނާއަށް މަރުހަބާ ދެންނެވުމަށް ކުންފުނީގެ މުވައްޒަފުން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
މޯލްޑިވް ގޭހުގެ އިދާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ފެށުމުގެ ގޮތުން ކީރިތި ގުރުއާން ކިޔަވާ ވިދާޅުވީވެސް އެމްޑީ އަބްދުﷲ އެވެ.
ގޭހަކީ ޒަރޫރީ ހިދުމަތް ދެމުން އަންނަ ވަރަށް ޒަމާންވީ ހީވާގި މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކުންފުޏެއްކަން ފާހަފަކުރައްވައި އަބްދުﷲ ވިދާޅުވީ، މިފަދަ އަސާސީ ހިދުމަތެއް ދިނުމުގައި މުވައްފުން ކުރާ މަސައްކަތަކީ އަމަލީގޮތުން އެކަމުގައި ބައިވެރިނުވާ މީހަކަށް ވަޒަންވެސް ނުކުރެވޭހާ ބުރަ މަސައްކަތްތަކެއް ކަމުގައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ކުންފުންޏާއިމެދު ގެންގުޅުއްވާ ހާއްސަ ތަސައްވުރެއް އެބައޮތް ކަމަށާއި، ކުންފުންޏަކީ ރައްޔިތުންނަށް ހެޔޮއަގެއްގައި ހިދުމަތްދޭ، ފައިދާވާ ކުންފުންޏަކަށް ހެދުމަކީ އެމަނިކުފާނުގެ މައިގަނޑު އަމާޒުކަން އަބްދުﷲ ފާހަގަކުރެއްވިއެވެ.
އެކަންކަން ކާމިޔާބު ކުރެވޭނީ ވަކި ގިންތިއެއް މިންތިއެއް އާދައިގެ މުވައްޒަފެއް ނުބަލައި، އެއް އާއިލާއެއްގެ ގޮތުގައި ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމުގައި ފާހަގަކުރެއްވިއެވެ.
އިސް މީހެއްގެ ގޮތުގައި ދެކޭ ދެކުމަށްވުރެ އެކުވެރި މާހައުލެއްގައި ނަތީޖާ ނެރުމަށް އެއް ސްފެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު މޯލްޑިވް ގޭހުގެ މުވައްޒަފުންނަށް މިއަދުން ފެށިގެން އޮންނާނެކަން ފާހަގަކުރެއްވައި އެމްޑީ އަބްދުﷲ ވިދާޅުވީ މަސައްކަތުގެ ގޮތުން ނުވަތަ އަދާކުރާ ވަޒީފާގެ ގޮތުން މުވައްޒަފަކު ތަފާތުވިޔަސް އެމްޑީ ކަމުގައި ދެމި ހުންނެވިހާ ހިނދަކު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމުގައެވެ.
މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއައްސަވާނެކަން ފާހަގަކުރައްވައި އަބްދުﷲ ވިދާޅުވީ އޭނާ ހުންނަވާނީ ކުންފުނީގެ އެންމެ އާދައިގެ މުވައްޒަފާއެކުވެސް މަސައްކަތް ކުރެއްވުމުގެ އުންމީދުގައި ކަމުގައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދީނީ އަދި ގައުމީ ތަސައްވުރެއް އެބައޮތް ކަމަށާއި އެއީ ސްކޫލްތަކަށް އެކަނި އޮތް ކަމެއް ނޫންކަމަށް އަބްދުﷲ ވިދާޅުވިއެވެ. އެގޮތުން ގޭހުގެ ހުރިހާ މުވައްޒަފުން ދުވަސް ފެށުމުގައި ކީރިތި ގުރުއާނުގެ ބަރަކާތުން ފަށައި ގައުމީ ސަލާން ކިޔާގޮތަށް މިއަދުން ފެށިގެން ހަމަޖެހުނީކަމަށް އަބްދުﷲ ވިދާޅުވިއެވެ.
ގައުމީ ސަލާމުން މި ހަފްލާ ނިންމާލިއިރު، މޯލްޑިވް ގޭހަކީ އެސްޓީއޯ ސަބްސިޑަރީ އުސޫލުން ހިންގާ އެންމެ ކާމިޔާބު ސަރުކާރު ހިއްސާވާ އެއް ކުންފުނިކަން ފާހަގަކޮށްލެވެއެވެ.
މޯލްޑިވް ގޭހުގެ ދުވަހުގެ މަސައްކަތް ކީރިތި ގުރުއާނުން ފަށައި، އަބްދުﷲ މުވައްޒަފުންނަށް ދިނީ އައު އުންމީދެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ