ކުރާ ބޭނުމެއް ނެތް، ދެ އަހަރު ވަނީ، މާލޭ ޖަލުގެ ބޮޑު ބިން ފަޅަށް
ބޮޑުތަކުރުފާނު މަގުގައި ހުންނަ، މާލެ ޖަލު ބަންދުކުރި ފަހުން، އެއްވެސް ކަމަކަށް ބޭނުންނުކޮށް ފަޅަށް ހުންނަތާ ދެ އަހަރު ވާން ގާތްވެއްޖެއެވެ. މިދިޔަ އަހަރުގެ ޖަނަވަރީ ހައެއްގައި އެ ޖަލު ބަންދުކުރިކަން އިއުލާނުކޮށް، ކަރެކްޝަންސްއިން ބުނީ، އެ ޖަލުން ޚިދުމަތް ލިބޭނީ އެ މަހުގެ 12ގެ ނިޔަލަށް ކަމަށެވެ. އެ ޖަލު ބަންދުކުރުމަށް އެ ތަނުގައި ތިބި ގައިދީން ވެސް ވަނީ އެހެން ޖަލުތަކަށް ބަދަލުކޮށްފައެވެ. މި ޖަލު ބަދަލު ކުރަން ނިންމި އެ ޖަލާ އިންވެގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އެ ތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރު ކޮށްފާނެތީ ކަމަށް ކަރެކްޝަންސް އޭރު ބުންޏެވެ. https://sun.mv/187011 އޭގެފަހުން، އަހަރަކާއި ފަސް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދިވެސް އެ ޖަލު ހުރި އިމާރާތާއި ބިން، އެހެން ބަދަލެއް ނުގެނެސް އެހާ ގިނަ ދުވަސްވާތީ، ވިސްނުމަކީ އަލުން އެ ޖަލު ހުޅުވުންތޯ 'ސަން'އިން ސުވާލުކުރުމުން ކަރެކްޝަންސްގެ އޮފިޝަލު ވިދާޅުވީ، އަދިވެސް އެ ޖަލު ހުރި ބިން މިހާރު ބަލަހައްޓަނީ އެ އިދާރާއިން ކަމަށެވެ. އަދި މުސްތަގުބަލުގައި އަލުން އެތަން ހުޅުވާނަމަ އެ ކަން އިއުލާނުކުރާނެ ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. ޖަލުން އަލުން ހުޅުވާނެކަމަކަށް ސީދާ ވިދާޅެއް ނުވެއެވެ. މީގެ ކުރިން ހޯމްޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ކަރެކްޝަނަލް ސާވިސްގެ އޭސީޕީ މުހައްމަދު އާސިފް ވަނީ ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭގެ ޖަލު ބަންދު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި، އެއީ އޭރު އެންމެ އިސްކަމެއް ދީގެން އެ އިދާރާއިން ކުރަމުން އައި މަސައްކަތްކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން މާފުށީ ޖަލުގެ ބައެއް ޔުނިޓުތަކުގައި ތިބި ގައިދީންނަށް ބަދަލު ގެނެސް މާފުށީ ޖަލުން އިތުރު ޖާގަ ހެދުމަށްފަހު، އައްސޭރި ޖަލުން އިތުރު ޖާގަ ހަދާ، މާލޭ ޖަލުގައި ތިބި ބައެއް ގައިދީން އެހެން ޖަލުތަކަށް ބަދަލު ކޮށްފައިވާކަން ވެސް އޭނާ އޭރު ވަނީ ފާހަގަ ކުރައްވައިފައެވެ. މާލޭ ޖަލު ހުޅުވައި ބޭނުން ކުރަން ފެށީ ޖެނުއަރީ 17، 2008ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ