އިންޑިއާއިން ފެންވަރު ރަނގަޅު ބޭސް ހެޔޮ އަގުގައި ދެން ލިބޭނެ: ހެލްތު މިނިސްޓްރީ
ރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އެގައުމުން ރާއްޖެ އެތެރެކުރާ ބޭހުގެ ފެންވަރު ކަށަވަރުކުރުން މިހާރަށް ވުރެ ހަލުވިވެ، ރަނގަޅު ފެންވަރުގެ ބޭސް ލިބޭނެ ކަމަށް، ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ. މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އަށް އެއްބަސްވުމެއް ބަދަލުކުރައްވާފައެވެ. އޭގެ ތެރޭގައި ބޭހާ ގުޅޭ އިންޑިއާގެ މައި އިދާރާ، އިންޑިއާގެ ފާމަކޯޕިއާ ކޮމިޝަން (އައިޕީސީ)އާއި ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާ ދެމެދު ސޮއިކުރި އެއްބަސްވުމެއް ހިމެނެއެވެ. https://sun.mv/209043 މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ، މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ސިއްހީ ދާއިރާގެ އެއްބާރުލުން ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އެއްބަސްވުމަށް ފަހު ރާއްޖެއަށް އިންޑިއާއިން އެތެރެކުރާ ބޭހުގެ ފެންވަރު ދެން ބަލާނީ އެ ގައުމުގެ ފާމަކޯޕިއާ ކޮމިޝަނުން ކަމަށާއި، އެކަމުގެ ސަބަބުން ދިވެހީންނަށް އިންޑިއާއިން ލިބޭ ބޭހުގެ ފެންވަރު ޔަގީންކުރެވި، ރެގިއުލޭޓަރީ މަރުހަލާތައް ހަލުވިވާނެ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ސީދާ ދިވެހި އިދާރާތަކުން ބަލައިގަނެވޭނެ ނިޒާމު ހަމަޖެއްސޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނިގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އާންމުކޮށް ލިބެން ހުންނަ ބޭސް ތައްޔާރުކުރުމަށް ފުރުސަތުތައް ފަހިވެ، ރާއްޖޭގައި ހެޔޮ އަގުތަކެއްގައި ބޭސް ލިބުމަށް މަގުފަހިވާނެއެވެ. މިނިސްޓްރީން އިތުރަށް ބުނިގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާ ގުޅުންހުރި ޚަރަދުތައް ކުޑަވާނެއެވެ. ރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން މި ވެރިކަމުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ އެ މަސައްކަތް ފަށާފައިވާ ކަމަށާއި، ވަކި ގައުމަކުން ގެންނަ ބޭސް ގެނައުން ވެސް ނިމުމަކަށް އަންނާނެ ކަމުގައެވެ. ނަމަވެސް ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން ގިނަ ބަޔަކަށް ދަތިވުމުގެ ސަބަބުން ސޯޝަލް މީޑިއާގައި އެ ވާހަކަތައް މިފަހުން ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ވިހެއުމަށްފަހު ބޭނުންކުރާ އެކި ކަހަލަ ބޭސްތަކާއި، ތެލަސީމިއާ ޕޭޝަންޓުންގެ ބޭސްތަކާއި، އެ ނޫން ވެސް ބަލިތަކަށް ބޭނުންކުރާ ބޭސް ހިމެނެއެވެ. މިދިޔަ މޭ މަހުގެ ކުރީކޮޅު ބޭއްވި 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަމަށް އިޝާރާތްކުރައްވައި ރައީސް އޭރު ވިދާޅުވިގޮތުގައި، ބޭސްތައް ލިބުން ދަތިވީ ސަރުކާރުން އާސަންދަ ނިޒާމު އިސްލާހުކުރަން ބޭހުގެ އަގު ކެޕްކުރުމުން ބައެއް ވިޔަފާރިތަކުން ގަސްދުގައި އެފަދަ ބޭސް ގެނައުން ހުއްޓައިލުމުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ