ޔާމީން ބާއްވަންވީ އުމުރު ދުވަހު ޖަލުގައި - ޖާބިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އޭނާއަށް ދިން އަނިޔާތަކާ ގުޅޭ އިންސާފުވެރި ޝަރީއަތެއް ކޮށްފި ނަމަ ރައީސް ޔާމީން ހުންނަވަން ޖެހޭނީ އުމުރު ދުވަހު ޖަލުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޔާމީން އާއި ގުޅޭ ގޮތުން މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އަނިޔާ ކުރުމަށް ފަހު ރާއްޖޭގެ ބައިތުލްމާލަށް ހިޔާނާތްތެރިވި ބޭފުޅަކު ދޫކޮށްލާފައި ބެއްހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި ޔާމީން އޭނާގެ ވިޔަފާރި "ފުނޑާލާފައި" ވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ އޭނާއާއެކު މަސައްކަތް ކުރެއްވި ވިޔަފާރިވެރިންގެ ވިޔަފާރިތައް ވެސް ރައީސް ޔާމީން "ފުނޑާލާފައި" ވާ ކަމަށެވެ.
"ރައީސް ޔާމީނަކީ ވަގެކޭ ވިދާޅުވާތީ ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް އަޅުގަނޑުގެ ޕާސްޕޯޓް ރައީސް ޔާމީންގެ ސަރުކާރުން ކެންސަލް ކުރި" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ ރައީސް ޔާމީން މިއަދުން މިއަދަށް ހައްޔަރު ކުރަން ގޮވާލައްވާފައެވެ.
ސަރުކާރު ބަދަލުވެއްޖެނަމަ ނުވަތަ ޕީޕީއެމްގެ ބާރު ހިނގާ ވެރިކަމެއް އައިސްފިނަމަ ރާއްޖޭގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ދިނުމަށް މިހާރުގެ ސަރުކާރުން ސޮއި ކުރަމުންދާ އެއްބަސްވުންތައް އެފުށް މިފުށަށް ޖައްސަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ