ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑުގެ މައްސަލައެއްގައި އޭނާ ބަންދުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރުވުމަށް މަދަނީ ކޯޓުން އެންގި އަމުރަށް ފުލުހުން މުސްތޮފާ ނުގެނައުމުން ދެ ވަނަ ފަހަރަށް ވެސް އެފަދަ އަމުރެއް ކޯޓުން ތައްޔާރުކޮށްފި އެވެ.
އައިލެންޑް ޓްރާންސްޕޯޓާ ދެކޮޅަށް ފައިސާ ހޯދުމަށް އާރްކޭއެލް އިން ދައުވާކުރާ އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ނައީމް ވިދާޅުވީ އައިލެންޑް ޓްރާންސް ޕޯޓުގެ ފަރާތުން ކޯޓަށް އައުމަށް ހަމަޖައްސާފައި ވަނީ އެ ފަރާތުގެ ވަކީލު ކަމަށެވެ. ނަމަވެސް ވަކީލު ޝަރީއަތަށް އެއްބާރުލުން ނުދެއްވާތީވެ އޭނާ ކެންސަލްކޮށް ކޯޓަށް ހާޒިރު ވުމަށް މުސްތޮފާ އަށް ޖޫން 28 ގައި އަމުރެއް ފޮނުވާފައިވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ޖޫން 28 ގައި މުސްތޮފާއާ ހަވާލު ކުރި ޗިޓުގައިވާ ގޮތަށް 13 ޖުލައި ގައި މުސްތޮފާ ކޯޓަށް ވަޑައިނުގަތުމުން އޭނާ މިއަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުވުމަށް އަންގައި ފުލުހުންނަށް 13 ޖުލައި ގައި އަމުރެއް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް ފުލުހުން މުސްތޮފާ ހާޒިރު ކުރުވާފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
"މުސްތޮފާ އަށް އަޅުގަނޑުމެން ހަވާލު ކުރި ޗިޓުގައި ލިޔެފައި އޮންނާނެ މި ޗިޓަށް ހާޒިރު ނުވި ނަމަ ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރެވޭނެ ކަމަށް. އެގޮތަށް އަންގާފައި އޮއްވާ 13 ޖުލައި އަށް ހާޒިރު ނުވީމަ އަޅުގަނޑުމެން މިއަދަށް އޭނާ ]މުސްތޮފާ[ ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަމުރު ނެރުނީ،" ގާޒީ ވިދާޅުވި އެވެ. "ނަމަވެސް ފުލުހުންނަށް ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތަށް މުސްތޮފާ ކޯޓަށް ހާޒިރުކޮށްފައެއް ނުވޭ."
އެކަމަކު މުސްތޮފާ ވިދާޅުވީ އެންމެ ފުރަތަމަ ކޯޓުން ޗިޓު ހަވާލުކުރުމުން ކޯޓަށް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ޖުލައި 13 ވަނަ ދުވަހު ވަޑައިނުގެންނެވުނީ އެދުވަހު ރައްޔިތުންގެ މަޖިލިހުގެ ހުވާ ކުރެއްވުމަށް ފަހު މަޖިލިހުގެ ކަންތައްތަކައިގެން އުޅުއްވިލެއް ބުރަކަމުން ހަނދުމަފުޅު ނެތިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މުސްތޮފާ ވިދާޅުވީ ޖުލައި 13 ގައި ކޯޓަށް ވަޑައިނުގެންނެވުނު ސަބަބު ބަޔާންކުރައްވާ އޭގެ އަނެއް ދުވަހު ކޯޓަށް ސިޓީއެއް ލައްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު މިހުރީ ކޯޓަށް ދާ ގޮތަށް. ފުލުހުންނަށް ޗިޓު ފޮނުވާކަށް ނުޖެހޭނެ އެއީ އަޅުގަނޑު މި އުޅެނީ ކޯޓަށް ނުދާކަށް ނޫން،" މުސްތަފާ ވިދާޅުވި އެވެ.
ގާޒީ ނައީމް ވިދާޅުވީ ފުލުހުން މިއަދު މުސްތޮފާ ހާޒިރު ނުކުރުވުމުން އެ ތަނަށް ގުޅުމުން އެންމެ ފުރަތަމަ ބުނީ ޗިޓު ލިބިފައިނުވާ ކަމަށް ކަމަށެވެ. އަދި ފަހުން އެ ޗިޓު ލިބިފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ އެއް ސެކްޝަނުން އަނެއް ސެކްޝަނަށް އެ ޗިޓު ރައްދުވެފައި ނުވާ ކަމަށް ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކޯޓުތަކަށް މީހުން ހާޒިރު ކުރުވުމަށް އެއްބާރުލުމެއް ނުދެއްވާ. ގާނޫނު އަސާސީ 141 ވަނަ މާއްދާގެ ރ. ގެ ދަށުން އެ ބޭފުޅުން އަދާ ކުރައްވަން ޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ނުކުރެއްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިގެން މިދަނީ،" ގާޒީ ވިދާޅުވި އެވެ. "އަނެއްކާ މުސްތަފާމެން ކަހަލަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުގަނޑަށް ހީވާ ގޮތުގައި ނަމޫނާއަކަށްވެ ވަޑައިގަންނަވަންނާނެ ކަންނޭނގެ."
ގާޒީ ވިދާޅުވީ މުސްތަފާ ކޯޓަށް ހާޒިރުނުކުރުވި މައްސަލައިގައި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ވެސް ކޯޓަށް ހާޒިރު ކުރެއްވުމަށް ބޭނުންވާ ކަމަށެވެ. ގާޒީ ވިދާޅުވި ގޮތުގައި އެ މައްސަލައާ ބެހޭ ސެކްޝަނުން ޒިންމާ އަދާކުރާނެ ކަމަށާއި ނަމަވެސް ފަހުގެ ނިންމުން ނިންމާނީ ކޯޓުގެ އިސް ވެރިން ކަމަށެވެ.
ތިމަރަފުށީ މުސްތޮފާ ބަންދުކޮށްގެން ޝަރީއަތަށް ހާޒިރުކޮށްފައި ނުވާތީ ދެ ވަނަ ކޯޓު އަމުރެއް މަދަނީ ކޯޓުން ތައްޔާރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ