އާ ދެ ޖަނަރޭޓަރު ގުޅާލުމުގެ މަސައްކަތަށް ކަރަންޓް ކަނޑަނީ

ސްޓެލްކޯ އިން ހިންގާ ކަރަންޓް މަޝްރޫއުގެ ދަށުން ބަހައްޓާ 8،000 ކިލޯ ވޮޓްގެ ދެ ޖަނަރޭޓަރު ގުޅާލުމުގެ މަސައްކަތްކުރުމަށް އަންނަ ހުކުރު ދުވަހާއި ހޮނިހިރުދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 2009 ވަނަ އަހަރު ފެށި ޕްރޮޖެކްޓް އަންނަ އޭޕްރިލް މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ދަށުން ބަހައްޓާ ދެ ޖަނަރޭޓަރު ގުޅާލުމުގެ މަސައްކަތް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުރާއިރު އެންމެ ބޮޑު ތިން ޖަނަރޭޓަރު ނިއްވާލަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ކަރަންޓް ކެނޑޭނެކަން އެންގުމަށާއި އާންމުންގެ މައުލޫމާތަށްޓަކައި ސްޓެލްކޯ އިން މިހާރު ގެންދަނީ ހުރިހާ ތަނަކަށް ސިޓީ ފޮނުވަމުންނެވެ. ބައެއް ގޭގެ އަށް ދީފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލާ އިރު ސްޓެލްކޯ އިން މަސައްކަތްކުރަނީ އެހެން ކަނޑާލާފައި އޮންނަ ވަގުތު ދޮޅު ގަޑިއިރަށް ވުރެ ދިގު ނުވާނެ ގޮތެއް ހެދުމަށެވެ. އަދި ތިން ޖަނެރޭޓަރެއް ހުއްޓާލުމުން ކަރަންޓް ފޯރުކޮށްދިނުމަށް އަންނާނެ ބުރަޔަކަށް އާންމުންގެ ފަރާތުން އެހީތެރިވުމުގެ ގޮތުން އެ ދެ ދުވަހު މަތީ ކަރަންޓް ބޭނުންކުރާ އެއްޗެހި ޖެއްސުން މަދުކުރަން ވެސް ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި އެއާކޯން ވެސް ހިމެނެ އެވެ.
މާލޭގެ ކަރަންޓްގެ ޚިދުމަތް ރަނގަޅުކުރުމަށާއި ކުރިމަގަށް ބިނާކޮށް ހިންގާ މަޝްރޫއުގެ އަގަކީ 28 މިލިއަން ޔޫރޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ