"2018 ގައި އިދިކޮޅު ފަރާތްތަކަށް ވެރިކަން ދީގެން ތަރައްޤީގައި 12 އަހަރު ފަހަތަށް ދާކަށް ނެތިން"

2018 ގައި އޮންނަ ރިޔާސީ އިންތިޙާބުގައި އިދިކޮޅު ފަރާތްތަކަށް ޤައުމުގެ ވެރިކަންކުރަން ދީގެން ތަރައްޤީގައި 12 އަހަރު ފަހަތަށް ދާން ބޭނުންނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.ޕީޕީއެމްގެ 6 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް "އުދުހޭ" ގެ ނަމުގައި މިރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެމްބަރު މުބީން ވިދާޅުވީ 2008 ގައި އެމްޑީޕީން ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަވެސް ބެއްލެވީ ޔަހޫދީ ކޮންމެވެސް ޤައުމަކަށްގޮސް ޑީލްތައް ހެއްދެވޭތޯ ކަމަށެވެ. އިޒްރޭލުގެ އުދުހުންތަކަށް ހުއްދަ ދިނުމާއި، ރާއްޖޭގައި އެކި ޒާތްތާތުގެ ބުދުތައް ބެހެއްޓުންފަދަ ކަންކަން ކުރުމަށް އޭރުގެ ސަރުކާރުން އިސްކަން ދިންކަމަށް މުބީން ވިދާޅުވިއެވެ."އަޅުގަނޑުމެންގެ ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ކޮން ޤައުމަކަށްތޯ ތިޔަބޭފުޅުން ވިސްނަވާ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ވަޑައިގެންނެވީ ދެއްތޯ. މިހިރީ ހުރި ތަފާތު. އިސްލާމް ދީނަށް އިސްކަން ދެއްވަނީ ކޮން ރައީސެއްކަން ވަރަށް ސާފު" މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ މިޤައުމުގެ ފަސްގަނޑުގައި އިސްލާމް ދީން ނޫން އެހެން ދީނެއް ދުވަހަކުވެސް އޮވެގެން ނުވާނެކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމުގެ އަސްލަކީ އިސްލާމް ދީންކަން ފާހަގަކުރައްވާ މުބީން ވިދާޅުވި އެމްޑީޕީން އެކި އެކި އީމެއިލްތައް ފޮނުވައިގެން މިފަސްގަނޑުގައި އެހެން ދީންތަކުގެ ފައްޅިތައް އެޅުމަށް މުޢާމަލާތް ކުރެވުނުކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތްކަމަށެވެ.މީގެ އިތުރުން ރައީސް ޔާމީން ގެންނަވާ ތަރައްޤީގެ އެކި ކަންކަމަށް އަލިއަޅުއްވާލައްވާ މުބީން ވިދާޅުވީ އެފަދަ ކަމެއް ކުރައްވަން އިދިކޮޅު ފަރާތްތަކަށް ނުވެސް އެނގިވަޑައިގަންނަވާނެކަމަށެވެ."ތިޔަބޭފުޅުން ވިދާޅުވެބައްލަވާ އިދިކޮޅު ކޮން ލީޑަރަކަށްތޯ އެނގޭނީ މަހާ ޖައްރާފުގެ މަސައްކަތް ރާވާ ހިންގާ ކުރިއަށް ގެންދަން. އެފަދަ ވިސްނުމެއްވެސް އިދިކޮޅު ލީޑަރެއްގެ ނުހުންނަވާނެ" މުބީން ވިދާޅުވިއެވެ.
މުބީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވި ރައީސް ޔާމީން ނޫން އެހެން ލީޑަރަކަށް ވެރިކަން ލިބިއްޖެނަމަ ޤައުމުގެ ތަރައްޤީގައި 12 އަހަރު ފަހަތަށް ދާނެކަމަށެވެ. އެހެންނަމަވެސް އެއްވެސް ދިވެއްސަކު އެމަންޒަރު ދެކެން ބޭނުންނުވާނެކަމަށް މުބީން ވިދާޅުވިއެވެ.ޕީޕީއެމްއަށް 6 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ