ކުރީގެ ދެސަރުކާރުގައިވެސް އިޒްރޭލާއި ގުޅުން ބަދަހި ކުރުމުގެ މެދުވެރިއަކަށް ޑރ ޝަހީދު އުޅެފައިވޭ: ވިކިލީކްސް

ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ސަރުކާރުގައިވެސް އިޒްރޭލާއި ގުޅުން ބަދަހި ކުރުމުގެ މެދުވެރިއަކަށް ޑރ ޝަހީދު އުޅެފައިވާކަން ވިކިލީކްސް އިން ލީކް ކޮށްފައިވާ ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.ވިކިލީކްސްއިން މިހަފްތާ ތެރޭގައި ލީކް ކޮށްފައިވާ ލިޔެކިޔުންތަކުގައި ހާމަވެފައިވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ ވެރިކަމުގައާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެ/އިޒްރޭލް އާއި ދެމެދު ސިޔާސީ ގުޅުން ބޭއްވުމަށް މަސައްކަތް ކޮށް އެކަމާއި ބެހޭ ވާހަކަތައް ރަސްމީ ފަރާތްތަކާއި ދައްކާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ޑރ ޝަހީދުގެ ނަން އެމެރިކާއާއި އިޒްރޭލުން ފާހަގަކޮށްފައިވާކަމެވެ. އެގޮތުން ޑރ ޝަހީދު އަށް މުހާތަބުކޮށް ލިޔުމުގައި “މެދު މިންގަނޑުގެ ޑރ. ޝަހީދު” މިފަދައިން ލިޔެފައިވެއެވެ.ކުރީގެ ރައީސް މައުމޫނުގެ ދައުރު:ކުރީގެ ރައީސް މައުމޫނުގެ ދައުރުގެ ލިޔުންތަކުން އެނގޭ ގޮތުގައި އޭރު ފޮރިން މިނިސްޓަރު ކަމުގައި ހުރި ޑރ. އަހުމަދު ޝަހީދު އާއި ސްރީލަންކާއަށާއި ރާއްޖެއަށް އެމެރިކާއިން އޭރު ކަނޑައަޅާފައި ހުރި ސަފީރު ރޯބާޓް ބްލޭކް އާ އެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި ރާއްޖޭން އިޒްރާއީލާ އެކު ސިއްރުން ގުޅުން ބޭއްވުމަށް އެއްބަސްވެފައިވާކަމަށް ލިޔެކިޔުންތަކުން އެނގެއެވެ. މިބައްދަލުވުމުގައި ރާއްޖޭން އިޒްރާއީލާ އެކު “ލޯ-ކީ ޑިޕްލޮމެޓިކް ކޮންޓެކްޓް” ބޭއްވުމަށާއި އަދި މުސްތަގްބަލުގައި “ފުލް ޑިޕްލޮމެޓިކް” ގުޅުން ގާއިމް ކުރުމަށް ބްލޭކް ބާރު އެޅުއްވި” ކަމަށް ބުނެފައިވާއިރު “އޭރު ރާއްޖޭގެ ހާލަތައް ބަލާއިރު، ހާމަ ކަމާއި އެކު އިޒްރާއީލާއި އެއްވެސް ކަހަލަ ގުޅުމެއް ބޭއްވެން ނެތް ކަމަށް ޑރ. ޝަހީދު ބުނެފައިވާ” ކަމަށް ލިޔުމުގައިވެއެވެ. “އަދި އޭރު ކެބިނެޓުގައި ތިއްބެވި ބައެއް މިނިސްޓަރުންވެސް އެކަމާ ދެކޮޅު ހަދާނެ ކަމަށާއި، ނަމަވެސް އެޓާނީ ޖެނަރަލް އާއި ޑރ. ޝަހީދު އެކަމަށް ތާއީދު ކުރައްވާ” ކަމަށްވެސް އެ ލިޔުމުގައި ބުނެފައި ވެއެވެ.ފިއްތުންތަކަށް ބިރުން އޭރުގެ ސަރުކާރުން އިޒްރޭލާއި އެކު ގުޅުން ބާއްވާފައި ނުވިނަމަވެސް ބްލޭކް ގެ އެދުމުގެ މަތިން “ކުއައިޓް ކޮންޓެކްޓްސް” އިޒްރާއީލާއި އެކު ބޭއްވުމަށް އޭރުގެ ފޮރިން މިނިސްޓަރ ޑރ. ޝަހީދު އެއްބަސްވެފައިވާ ކަމަށް ވިކިލީކްސް އިން އާންމުކޮށްފައިވާ އެ ލިޔުމުގައި ބުނެފައި ވެއެވެ.މައުމޫނުގެ ވެރިކަމުގެ ތެރޭގައި ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދީ ޑރ ޝަހީދު ވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިފައެވެ. އޭރުގެ ސަރުކާރުގެ އެތޭރަގައި ތިބި މިނިސްޓަރުންތަކެއްގެ މޭސްތިރިކަމުގައި “ޤާއުމީ ޕާޓީ” ވުޖޫދަށް އައިސް އިންތިހާބުގައި އެޕާޓީގެ ފަރާތުން ޑރ ހަސަން ސައީދުގެ ރަނިންމޭޓަކަށް ޑރ ޝަހީދު ނުކުމެފައިވެއެވެ.ކުރީގެ ރައީސް ނަޝީދުގެ ދައުރު:މައުމޫނުގެ ދިގު ވެރިކަން ނިމި ބަދަލެއް ގެނައުމުގެ ގޮތުން ރައީސްކަމަށް ހުވާކުރެއްވީ މުހައްމަދު ނަޝީދުއެވެ. ނަޝީދުގެ ވެރިކަމުގައިވެސް ފޮރިން މިނިސްޓަރުކަން ލިބުނީ ޑރ ޝަހީދުއަށެވެ. ޑރ ޝަހީދުގެ މިނިސްޓަރު ކަން ނިމުމަކަށް އައީ އިތުބާރު ނެތްކަމުގެ ވޯޓުން ވަޒީރުކަން އަތުލުމުންނެވެ.މައުމޫނު ދައުރުގައި އިޒްރޭލު މައްސަލާގައި ބައްދަލުކުރި ރޮބަޓް ބްލޭކަށް ނަޝީދުގެ ވެރިކަމުގައިވެސް އަނެއްކާވެސް ބައްދަލު ކޮށްފައިވާކަމަށް ވިކިލީކްސް އިން ލީކް ކޮށްފައިވާ ލިޔެކިޔުންތަކުން ހާމަވެފައިވެއެވެ. ދިވެހިރާއްޖެ އިން ޔަހޫދީ އިސްރާއީލާއި އެކު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށް ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އޭރު އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ އެމްބެސެޑަރުގެ ގޮތުގައި ހުންނެވި ރޮބަޓް ބްލޭކަށް ދެންނެވި ކަން ވިކިލީކްސް އިން އާއްމުކޮށްފައިވާ ލިޔުންތަކުން ހާމަވެފައިވެއެވެ. ވިކިލީކްސް އިން އާއްމުކުރި މި ލިއުމުގައި ބްލޭކް، ޑރ ޝަހީދާއި ހަވާލާދީ ބުނެފައި ވަނީ “ރާއްޖެ އިން އިސްރާއީލް ގަބޫލުކުރާ” ކަމަށެވެ. އަދި އެގޮތުން ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އޭރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ތަގުރީރެއްގައި އިސްރާއީލާ އެކު ގުޅުން އާކުރުމަށް ވައުދުވެވަޑައިގެންފައި ވާ ކަމަށްވެސް މި ލިޔުމުގައި ޑރ ޝަހީދު ބުލޭކް އަށް ދަންނަވާފައިވާ ކަމަށްވެސް ވެއެވެ.ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދުއާއި އެމްބެސެޑާރ ބްލޭކްގެ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި ވަނީ އދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވުމަށް ޑރ. ޝަހީދު ނިއުޔޯކަށް ވަޑައިގެން އުޅުއްވި އިރު 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.މީގެ އިތުރުން ވިކިލީކްސް އިން 2008 ވަނަ އަހަރުގެ ނޮވެމްބަރ 19 ވަނަ ދުވަހު ދިވެހިރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދާއި ޙަވާލާދީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ފޮނުވާފައިވާ އަވަސް މެސެޖެއްވެސް ވަނީ ފަޅާއަރުވާލާ މުޅި ދުނިޔެއަށް ހާމަކޮށްފައެވެ.ޑރ ޝަހީދު ދެ ސަރުކާރުގައިވެސް އިޒްރޭލްއާއި އެކު ރާއްޖޭގެ ގުޅުން ގާއިމް ކުރުމަށް މަސައްކަތް ކޮށްފައިވާކަން ވިކިލީކްސްގެ ލިޔުންތަކުން ވަރަށް ސާފުކޮށް ފެންނައިރު މައުމޫނު ސަރުކާރުގައި އެކަން ކޮށްފައިވަނީ ވަރަށް ސިއްރިއްޔާތުގައެވެ. އަދި ނަޝީދު ސަރުކާރުގައި އެކަން ކޮށްފައިވަނީ ފާޅުކަންބޮޑު ގޮތެއްގައެވެ.މިހާރު ޑރ ޝަހީދު ހުންނެވީ އަމިއްލަ އަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ