ގާޒީ ހައްޔަރު ކުރީ ވެސް އަދި ދޫކޮށްލީ ވެސް ނަޝީދުގެ އޯޑަރަށް: ތޮލްހަތު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދިރިއުޅުއްވާ ގެއަށް ސިފައިންގެ ޓީމެއް ގޮސް އޭނާ ހައްޔަރު ކުރީ ވެސް އަދި ފެބުރުވަރީ ހަތްވަނަ ދުވަހު ދޫކޮށްލީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޯޑަރަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ވިދާޅުވެއްޖެ އެވެ.
ތޮލްހަތު އެގޮތަށް ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ދައުލަތުން ކުރާ، ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އާ ގުޅިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން އިތުރަށް ވާހަކަ ދައްކަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ތޮލްހަތު މިއަދު ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ގުޅޭ ގިނަ ވާހަކަތަކެއް ޝަރީއަތުގައި ދައްކަވާފަ އެވެ.
ތޮލްހަތު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އޯޑަރު ކޮށްފައި ވަނީ ރައީސް ނަޝީދު ކަމަށާއި އެހެންކަމުން ސިފައިން އެ އަމުރު ތަންފީޒު ކުރާނެ ކަމަށެވެ. އަދި އެކަމާ ގުޅެގޮތުން އެންމެ ބޮޑަށް ޖަވާބުދާރީ ވެވޭނީ ރައީސް ނަޝީދަށް ކަމަށް ވެސް ތޮލްހަތު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރަން ރައީސް ނަޝީދު އަމުރުކޮށްފައި ވަނީ ގާނޫނީ ވަކީލުންނާއި ބަންޑާރަ ނާއިބާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށާއި އެހެންކަމުން ރައީސް ނަޝީދުގެ އޯޑަރު އަންނާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވެސް ތޮލްހަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އަމުރު ރައީސް ނަޝީދު ކޮށްފައި ވަނީ މުލިއާގޭ ތެރޭގައި ހުރެގެން ކަމަށެވެ.
"އޭރު އަޅުގަނޑު ޑިފެންސް މިނިސްޓްރީ ތެރޭގައި ހުއްޓާ ރައީސް ވިދާޅުވީ މުލިއާގެއަށް ހާޒިރުވާށޭ،" ތޮލްހަތު ވިދާޅުވި އެވެ.
ތޮލްހަތު ވިދަޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ރައީސް ނަޝީދު އެންގެވުމުން އެކަން ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ އާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދަށް އެކަން އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ވެސް އަދި ދޫކޮށްލުމަށް ވެސް އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަމަށާއި ހަމައެކަނި އޭނާ އަށް ކުރެވެން އޮތް ކަމަކީ އަބްދުﷲ ގާޒީ އަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުންކަމަށެވެ. އަދި އެކަން އޭނާ ކުރައްވާފައިވާނެ ކަމަށް ވެސް ތޮލްހަތު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ތޮލްހަތު ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށްލުމަށް ކޯޓުތަކުން ކުރި އަމުރުތައް ތަންފީޒު ކުރުމުގެ ބާރު ވެސް ލިބިގެން ވަނީ ހަމައެކަނި ރައީސް ނަޝީދަށް ކަމަށެވެ.
އަބްދުﷲ ގާޒީގެ ފަރާތުން ގައުމީ ސަލާމަތަށް ކުރިމަތިވި ނުރައްކަލަކީ ކޮބައިތޯ ބަލާފައިވާނެ ތޯ އެއްސެވުމުން ތޮލްހަތު ވިދާޅުވީ އެއީ ސިފައިންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ އެކަން ބަލާފައި ނުވާނެކަމަށެވެ.
"އަޅުގަނޑުމެން އެކަމެއް [އަބްދުﷲ ގާޒީގެ ފަރާތުން ގައުމީ ސަލާމަތަށް ކުރިމަތިވި ނުރައްކަލަކީ ކޮބައިތޯ] ނުބަލަން. އެއީ އަޅުގަނޑުމެންގެ މެންޑޭޓް ތެރޭގައި އޮތްކަމެއް ނޫން،" ތޮލްހަތު ވިދާޅުވި އެވެ.
ތޮލްހަތުގެ ވާހަކަތަކަށް ފަހު ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ދައުވާގެ ގިނަ ކަންތައްތަކަށް ތޮލްހަތު އަމިއްލަފުޅަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އާއި މަޝްވަރާ ކުރަން ބޭނުންވާކަމަށާއި އެހެންކަމުން ދައުލަތުން ވަކިއެއްޗެއް އެންގުމުން ނޫނީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ނުބޭއްވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުލަތުން ހުށަހެޅި ހެއްކެއް ކަމަށްވާ ފަސްޓް ލެފްޓިނެންޓް އަލީ އިހްސާންގެ ހެކިބަސް ނަގާފަ އެވެ.
ހެކިބަސް ދެމުން އިހްސާން ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށްލުމަށް ކޯޓުތަކުން އަމުރު ނެރެފައި ވަނިކޮށް ކިތަންމެ ބޮޑު ހުކުމެއް އަޔަސް އޭނާ ދޫކޮށްލެވެން ނެތްކަމަށް އޭނާގެ އަރިހު ތޮލްހަތު ވިދާޅުވެފައިވާ ކަމަށެވެ.
"މިނިސްޓަރު ވިދާޅުވީ ކިތަންމެ ބޮޑު ހުކުމެއް އަޔަސް އަބްދުﷲ މުހައްމަދު ދޫކޮށެއް ނުލެވެނެޔޭ،" އިހްސާން ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް އަބްދުﷲ ގާޒީ ހާޒިރު ކުރެއްވުމަށް ވެސް ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވެއެވެ. ނަމަވެސް ދައުލަތުން އެކަމަށް އިންކާރު ކުރުމުން މިއަދުގެ ޝަރީއަތުގެ މަޖިލީހަށް އަބްދުﷲ ގާޒީ ހާޒިރު ކުރައްވާފައެއް ނުވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ސުޖާއު އުސްމާން ވިދާޅުވީ އިތުރު އަޑުއެހުމެއް ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ