އަނިޔާކުރި ފުލުހުން ހޯދާ ހައްގު އަދަބު ދެވޭނެ: ރައީސް ނަޝީދު

އަނިޔާކުރި ފުލުހުން ހޯދާ ހައްގު އަދަބު ދެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް މިހާރު މާލޭގައި ކުރިއަށްގެންދާ ތާފާތު އެއްވުންތަކުގައި އާންމު ރައްޔިތުންނަށް ފުލުހުން އަނިޔާ ކުރަމުންދާތީ އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަމުރަށް ފުލުހުން ރައްޔިތުންނަށް އަނިޔާ ކުރުމުގައި ހަމައެއް ނެތި މިދަނީ ރައީސް ޔާމީނަށް ނާކާމިޔާބުވާކަމުން ކަމަށެވެ. އަދި އަނިޔާކުރި ފުލުހުން ހޯދާ ހައްގު އަދަބު ދެވޭނެ ކަމަށް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު މިގޮތައް ވިދާޅުވެ ޓްވީޓް ކުރެއްވިއިރު، އެމްޑީޕީ ހަރުގެ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށް ގެންދިޔަ އެއްވުން ކަވަރު ކުރަމުން ގެންދިޔަ ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުކޮށް، ފަހުން ވަނީ ދޫކޮށްލާފައެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުގައި ބޭއްވި އެއްވުން ލައިވް ކުރުމަށް ނޫސްވެރިން ގެންގުޅުނު ކެމެރާތަކާއި ލައިވް ޔުނިޓްތަކަށް ގަސްދުގައި ފުލުހުން ވަނީ ގެއްލުންދީފަ އެވެ.
އިދިކޮޅު ފަރާތްތަކުން އިއްޔެ ހަވީރު އެމްޑީޕީ ހަރުގެ ކައިރީގައި ބޭއްވި އެއްވުމަށް ވެސް ފުލުހުން ހުރަސް އަޅައި ބަޔަކު ހައްޔަރުކޮށްފައެވެ. ފުލުހުންގެ އަމަލުތައް ހުރި ގޮތުން ގިނަ ބަޔަކު ދަނީ ސޯސަލް މީޑިއާގައި ފުލުހުންނަށް އަމާޒްކޮށް ބަހުގެ ހަމަލާތައް ދިނުމުގެ އިތުރުން އާމުންނަށް އަނިޔާ ކުރާ ފުލުހުންގެ ފޮޓޯ ވެސް އާންމު ކުރަމުންނެވެ.
މި ހަފްތާ ތެރޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ހުރިހާ އެއްވުމެއް ވެސް ފުލުހުން ވަނީ ބާރު ބޭނުންކޮށް، ރޫޅާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ