ޕޮލިސް ކޮމިޝަނަރަށް މަޖިލީހުން ރުހުން ހޯދާ އިސްލާހު ފާހެއް ނުވި

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ޖެހޭ ގޮތަށް ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްނުކޮށް، އެ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މީގެ ދެ އަހަރު ކުރިން 2010 ވަނަ އަހަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ފުލުހުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ފާސްނުކުރުމަށް އެ އިސްލާހު ދިރާސާ ކުރި ގައުމީ ސަލާމަތު ކޮމެޓީން ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން އެ ކޮމެޓީން ނިންމީ އެ އިސްލާހުގައި ބުނެފައިވާ ކަންކަން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު"ގައި ބަޔާންކޮށްފައި ވާތީ އެވެ.
ޕޮލިސް ކޮމިޝަނަރަށް މަޖިލީހުން ރުހުން ހޯދަން ޖެހޭ އިސްލާހު ފާސް ނުކުރުމަށް ބަޔާންކޮށްފައިވާ ކޮމެޓީ ރިޕޯޓް ފާސް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވީ އެ ރިޕޯޓް ފާސް ކުރުމަށެވެ. އަދި އެ ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް އެންމެ މެންބަރަކު ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވި އެވެ.
ފުލުހުންގެ ގާނޫނުގެ 52 މާއްދާގެ (ށ)އަށް ހުށަހެޅި އިސްލާހުގައި ބުނަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅަކަށް މަޖިލީހުން ރުހުން ލިބުމުން، އެ ބޭފުލަކު އެ މަގާމަށް އައްޔަން ކުރައްވާނީ ދާހިލީ ވަޒީރު ކަމަށެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ ފުލުހުންގެ ގާނޫނުގައި ބުނަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
އިސްލާހުގައި އަދި ބުނަނީ ފުލުހުންގެ މަގުސަދާއި، މަސްއޫލިއްޔަތާއި، ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށްޓަކައި ސްޕެޝަލް ކޮންސްޓެބްލަރީގެ ނަމުގައި ހާއްސަ ފުލުހުންގެ ބަޔަކު އުފެއްދުމުގެ ބާރު ދާހިލީ ވަޒީރަށް ލިބިގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ