ޑިގްރީ ފެންވަރަށް މުދިމުންނަށް ކިޔަވައިދޭނަން - ގާސިމް

ފުރިހަމަ ތަމްރީން ލިބިފައިވާ އިލްމީ ބަޔަކަށް މުދިމުން ހެދުމުގެ ގޮތުން ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ޑިގްރީ ފެންވަރަށް މުދިމުންނަށް ކިޔެވޭނެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެކަމަށް އެގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުން ރޭ ހދ.ކުޅުދުއްފުށީގައި ކައިރި ރަށް ރަށުން މީހުން ގެނެސްގެން އެތައް ސަތޭކަ ބަޔަކާއިއެކު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި މުދިމުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރަން ބޭނުންވެ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ ވަޒީފާގައި ތިބޭ ފަރާތްތަކުން ޕޭ ލީވްގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުވެސް ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ހޯއްދަވައި ދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ތަރައްގީގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ގާސިމް ވަނީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކުޅުދުއްފުށީގައި ތަރައްގީ މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ އެ ރަށުގެ ބަނދަރަކީ 6000 ޓަނުގެ އާގުބޯޓަށް ވަދެ ނިކުމެވޭ ފެންވަރުގެ ބަނދަރަކަށް ހަދާނެ ކަމުގެ ވައުދުވެވަޑައިގެންފައެވެ.
ގާސިމް ވިދާޅުވީ މިހާރު ކުޅުދުއްފުށީ ބަދަރަކީ 1000 ޓަނުގެ އަގުބޯޓް ފަހަރަށް ވެސް ބަނދަރުކުރެވޭ ބަނދަރެއް ނޫން ކަމަށާ އެމަނިކުފާނުގެ ވެރިކަމެއްގައި އެ ބަނދަރު ތަރައްގީ ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ރަށަކަށްވާތީ ބިމުގެ ދަތިކަން މިހާރު ވެސް ރަށަށް ކުރިމަތިވެފައިވާ ކަމަށާއި އެ ރަށުގެ ބިމުގެ މައްސަލަ ހައްލުކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.
ކުޅުދުށްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީ ގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެވޭނެ ހަމައެކަނި ލީޑަރަކީ ގާސިމް ކަމަށެވެ.
އިމްރާން ވިދާޅުވީ އިންތިޚާބު ކައިރިވެފައިވާއިރު 3 ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ވަބާއާއި، ވަޒީފާނެތް ޒުވާނުންގެ މައްސަލައާއި، ރާއްޖެގެ މިނިވަންކަމާއި، އިސްތިގުލާލް ހިމާޔަތް ކުރުމާއި، ގައުމު ގައުމެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ރަނިން މޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ ޒުވާނުންގެ އަހުލާގު ގޯސްވަމުންދަނީ ވަޒީފާގެ ފުރުސަތު ނެތުމުގެ ސަބަބުން ކަމަށާއި މިހާރުވެސް މިގައުމުގައި ވަޒީފާނެތި 40000 މީހުން އެބަތިބި ކަމަށާއި ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި 65000 ވަޒީފާ އުފައްދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ