ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލެއްވި އެޕާޓީގެ ކުރީގެ ލީޑަރު އަދި ބާނީ ގާސިމް އިބްރާހިމްގެ ޝަރުތުހަމަވާކަމަށް ކަނޑައަޅާ، ލީޑަރު އިންތިޚާބުކުރުމަށް ވޯޓް ނެގުން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެެރަލް އަހުމަދު ސަމީރު ސޮއިކުރައްވާ މިއަދު ނެރުއްވާފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލެއްވި އެޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ޝަރުތުހަމަވާކަމަށް އަސާސީ ގަވާއިދުގެ 51 ވަނަ މާއްދާގެ ނގެ ދަށުން ކަނޑައަޅާފައިވާކަމަށެވެ.
އެހެންކަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓް ނެގުމާއި، ގުނުން އަދި އިންތިޚާބުގެ ނަތީޖާ އިއުލާނުކުރުމަށްޓަކައި، ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލްވުމެއް މާދަމާ މާފަންނު ކުނޫޒްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. ޖޭޕީގެ 124 ވަނަ ކައުންސިލް ބައްދަލްވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައެވެ.
މިއަހަރުގެ އޮގަސްޓްމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްއަށްފަހު ޕާޓީގެ އެންމެ އިސް މަގާމު ކަމަށްވާ ލީޑަރުގެ މަގާމު އޮތީ ހުސްވެފައެވެ. މަގާމު ހުސްކޮށް އޮތީ އެއްވެސް ބޭފުޅަކު އެމަގާމަށް ކުރިމަތިލައްވާފައި ނެތުމުންނެވެ.
އެހާތަނަށް ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި އޮނަރަބަލް ގާސިމް އިބްރާހީމް އޭރު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރުގައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ބޭއިންސާފު ހުކުމެއްވެސް އިއްވައިފައެވެ. ނަމަވެސް ހޯމަ ދުވަހު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ގާސިމް މިނިވަންކުރައްވާފައެވެ.
ޖޭޕީގެ ލީޑަރުކަމަށް ކުރިމަތިލެއްވީ ގާސިމް އެކަނި، އިންތިޚާބު މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ