ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިފާއު ކުރައްވައި މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ބަޔަކު އެމަނިކުފާނަށް މަޖުބޫރުކޮށްގެން ކުރުވަމުން ގެންދާ ކަމެއްގެ ގޮތުގައި ގާސިމްގެ އަރިސްބޭފުޅަކު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ގާސިމްގެ ވަރަށް އަަރިސް ބޭފުޅެއް ކަމުގައިވާ ވީމީޑިއާގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިޓިކަލް އެފެއާޒު މުހައްމަދު އިކްރާމް އަބްދުއްލަތީފް ރޭ ވިދާޅުވީ ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީއާ އެއްކޮޅަށް ގާސިމް މިހާރު ކުރައްވަމުން ގެންދަވާ ކަންކަމަކީ އެމަނިކުފާނުގެ ހިތްޕުޅާ ދެކޮޅަށް ބަޔަކު އެ ބޭފުޅާ އަށް މަޖުބޫރު ކޮށްގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާއި އެކަންތައް ވަރަށް އަވަހަށް ސާބިތުވެގެންދާނެ ކަމަށެވެ.
"ގާސިމް އިބްރާހިމް ހަމަހޭގައި [އެމްޑީޕީ އާ އެކު] ވަޑައިގެންނަވާނެ ކަމަކަށް އަޅުގަނޑު ނުދަންނަވާނަން. ހިތްޕުޅު ހެޔޮކަމުން ވަޑައެއް ނުގެންނަވާނެ. އެމަނިކުފާނުގެ ހަށިކޮޅަށް އެއް ހަރަކުން ދެ ފަހަރު ކަށިޖަހަން ވަޑައިގެންނަވާނެވަރުގެެ އީމާންކަން ކުޑަ ބޭފުޅެއްް ނޫން ގާސިމަކީ. މިއީ ބަޔަކު އެމަނިކުފާނަށް ދީގެން އުޅޭ ދެރައެއް. އެމަނިކުފާނަށް ވާނުވާ ނޭނގި ކަންތައްތައް ވަރަށް ރަނގަޅަށް ވާނެ ކަމަށް ދައްކައިގެން ގޮސް ގާސިމް އަނދަވަޅަކަށް ކޮށްޕާލަން މަސައްކަތް ކުރާ މަންޒަރު މިއަދު މި ފެންނަނީ،" އިކްރާމް ވިދާޅުވި އެވެ.
އިކްރާމް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ގާސިމް ހައްޔަރުކުރުމާއި އެތައް ދުވަހަކުން ގާސިމް ބިނާކުރެއްވި ޓޫރިޒަމްގެ ވިޔަފާރިއަށް ހުރަސްއެޅުމާއި ގާސިމުގެ ރިސޯޓްތަކަކަކީ ހަށިވިއްކާ ތަންތަން ކަމުގައި ބުނެ ލޭބަލް ކުރުމާއި ގާސިމްގެ ވިލާ އެއާގެ ފްލައިޓްތައް އުދުހުނަ ނުދީ ހިފަހައްޓުމާއި ވިލާ ޓީވީގައި ރޯކޮށްލުން ފަދަ ކަންކަން ކުރުމުން "މޫމިނެއްގެ ގަޔަށް އެއް ހަރަކުން ދެފަހަރު ކަށިނުޖެހޭނެ" ކަމަށް ގާސިމް އޭރު ވިދާޅުވެފައިވާ ކަމަށެވެ.
ނަޝީދާއި އެމްޑީޕީގެ ލީޑާ ޝިޕްގައި ހިމެނިވަޑައިގެންނަވާ ބޭފުޅުން ހިތް މާބޮޑަށް ގާސިމްގެ މައްޗަށް ހެޔޮވެގެން، ގާސިމް ވެރިކަމަށް ގެންނާނެ ކަމަށް ދައްކަމުން ގެންދާ ވާހަކަތަކަކީ ދުވަހަކު ވެސް ހަގީގަތަށް ވާނެ ކަމެއް ނޫން ކަމަށް އިކްރާމް ވިދާޅުވި އެވެ. އެކަމަކީ ގާސިމަށް ދަޅައެއް ދައްކައިގެން ގާސިމްގެ ސިޔާސީ ހަޔާތްފުނޑުފުނޑު ކޮށްލުމަށް ބަޔަކު ރާވައިގެންކުރަމުން ގެންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"މާދަމާ ރައީސް ނަޝީދަށް (ވެރިކަމަށް) ކުރިމަތިލެވޭ ގޮތް ވިޔަސް އެމްޑީޕީން ގާސިމަށް ދުލެއް ނުކުރާނެ،" އިކްރާމް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މަޖިލީހުގެ ރައީސް ކަމަށް ގާސިމް އަށް ވަޑައިނުގެންނެވީ ވެސް އެމްޑީޕީން ގާސިމަށް ވޯޓުނުދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ބޭނުމަކީ ގާސިމް ސިޔާސީ ހަޔާތްޕުޅާއި ވިޔަފާރީގެ ހަޔާތް ކަތިލުން ކަމުގައި އިކްރާމް ވިދާޅުވި އެވެ. އެހެން ކަމުން އެކަންތައް އެގޮތަށް ކުރުމަށް އެމްޑީޕީ އަށް ފުރުސަތު ނުދެއްވައި ސަރުކާރަަށް ފުރުސަތު ދެއްވައިގެން، ގާސިމް ޒިންމާދާރުކަމާ އެކު ސިޔާސީ ހަޔާޕްޕުޅައިގެން ކުރިއަށް ވަޑައިގެންނަވާނެ ދުވަހެއް ވަރަށް ދެެކެން ބޭނުންވާ ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.
"ގާސިމް އިބްރާހިމް ހަމަހޭގައި އެމްޑީޕީއާ އެކު ވަޑައިނުގެންނަވާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ