ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަގުތުން މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައިފިއެވެ.
އުމަރު މިކަމަށް ގޮވާލާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް އެރުވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން އުމަރު ވިދާޅުވީ މިނިސްޓަރ މާރިޔާ އަށް މައުލޫމާތު ލިބި އެކަމަށް ފިޔަވަޅު ނާޅުއްވާ އޮއްވާ، ރައީސް ނަޝީދު އަށް ހަމަލާއެއް ދިނުމަކީ މިނިސްޓަރުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށެވެ.
އަދި މިފަދަ ސީރިއަސް އިހުމާލު ތަކުގައި ޒިންމާ ނުނަންގަވާ ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"3 މިލިއަން ޑޮލަރު ހުށަހަޅައިގެން މިފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މަޢުލޫމާތު މަޖްލިސް ގެ މެންބަރަކު މިނިސްޓަރ މާރިޔާ އަށް ފޯރުކޮށް ދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ މިނިސްޓަރ މާރިޔާގެ ޤާނޫނީ ޒިންމާއެއް. އިސްތިއުފާ ދެއްވާ" އުމަރު ވިދާޅުވިއެވެ.
އިލްޔާސް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން ވަގުތުން ނަޝީދާއި ހިއްސާކުރެއްވި ކަމަށާއި އަދި ނަޝީދުގެ އިރުޝާދުގެ ދަށުން، ލިބިފައިހުރި މައުލޫމާތުގެ ތަފްސީލް މިނިސްޓަރު މާރިޔާއަށް ދެއްވި ކަމަށެވެ.
"ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވާތީ އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާކުރުމުން، އެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސް އާ ހިއްސާކުރުމަށް އަޅުގަނޑަށް އެފަރާތުން އެއްވެސް ހާލަތެއްގައި އަންގާފައެއް ނުވެ އެވެ" އެ ބަޔާނުގައި ވެއެވެ.
އަދި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، ތަހުގީގަށް ދޭންޖެހޭ މައުލޫމާތާއި އެއްބަރުލުން ދެއްވަމުން ގެންދަވާ ކަމަށާއި އަދި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، މައްސަލައިގައި ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އެ މައުލޫމާތު މީޑިއާގައި ބަހުސްކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބި އެކަން ފުލުހުންނަށް ނޭންގުމަކީ ކުށެކެވެ.
މާރިޔާ އިސްތިއުފާ ދެއްވުމަށް އުމަރު ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ