މަސައްކަތްތެރިންނާ ބެހޭ ސިޔާސަތު އިފްތިތާހުކޮށްފި

އެމްޑީޕީގެ މަސައްކަތްތެރިންނާއި ބެހޭ ސިޔާސަތު ސ. ފޭދޫގައި މިއަދު ހަވީރު އިފްތިތާހުކޮށްފި އެވެ.
ރާއްޖޭގެ 21 ތަނެއްގައި އެއްފަހަރާ އިފްތިތާހު ކުރި މަސައްކަތްތެރިންގެ ސިޔާސަތު ރަސްމީކޮށް ފައްޓަވައި ދެއްވީ ގދ. ތިނަދޫގައި އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެވެ.
އައްޑޫގައި މި ސިޔާސަތު ރަސްމީކޮށް އިފްތިތާހުކުރުން އޮތީ ފޭދޫ ސްކޫލް ސަރަހައްދުގައި އެވެ. އެމްޑީޕީގެ މިނިވަން މަސައްކަތްތެރިއާގެ ސިޔާސަތު ރަސްމީކޮށް ފައްޓަވައި ދެއްވީ ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ނާޒިމް ރަޝާދު އެވެ.
ނާޒިމް ރަޝާދު އާއި އެކު ޑރ. މުސްޠަފާ ލުޠުފީވެސް ބައިވެރިވަޑައިގެންނެވިއެވެ. މުސަޠަފާ އަކީ މިހަރާކަތުގައި އައްޑޫއަށް ކަޑައަޅާފައިވާ ކޯޑިނޭޓަރެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވި ރަސްމިއްޔާތުގައި "މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން" މި ޝިޔާރާއި ގުޅޭ ގޮތުން ވާހަކަ ދެއްކުން އޮތެވެ. އަދި ރަސްމިއްޔާތާއި ގުޅޭ ހާއްސަ ޖަލްސާއެއް މިރޭ އެސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
މިއަދު ރަސްމީކޮށް މި އިފްތިތާހު ކުރީ އެމްޑީޕީގެ ތިންވަ ނަ މެނިފެސްޓޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ