ވީޑިއޯ ކޯލް ކޮށްގެން ކައިވެނި ކުރުން ވެސް ދިވެހި ތާރީހުގެ ތެރެއަށް!

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކައިވެންޏެއް ކޮށްފި އެވެ.
މާލެ ސަރަހައްދުގައި އޮތް މި ކައިވެނީގެ ކަންކަން ކުރިއަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 4:30 ގައި ފެމިލީ ކޯޓު މެދުވެރިކޮށެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް ދާދިފަހުން ފެމިލީ ކޯޓުން ވަނީ އެކުލަވާލާފައިވާއިރު، އެ އުސޫލުގައި ބުނެފައިވާގޮތުން އެފަދަ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖިލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާ އެވެ.
ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ވީޑިއޯ މެދުވެރިކޮށް ހާޒިރުވެ ތިބިކަމާއި ހާޒިރުވާންޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ގޮތަށް ކައިވެނިކޮށްދިން ކަމުގައި ވިއަސް، ކައިވެނި ކޮށްދިނުމުގެ އުސޫލަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. ކައިވެނީގެ ޚުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ވެސް ޖެހެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރާ މީހުންނަށް ކައިވެނީގެ ސެޓްފިކެޓްގެ ގޮތުގައި ދެނީ ނަމްބަރެއް ޖަހާފައިވާ ވަގުތީ ލިޔުމެކެވެ. އެ ލިޔުން ފޮނުވާނީ އީމެއިލް ނުވަތަ ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށެވެ.
ކައިވެނީގެ މައި ދަފްތަރުތަކުގައި އެ ކައިވެނިތައް ހިމަނަނީ ފަހުން ކަމަށް އެ އުސޫލުގައި ބުނެެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ