ރައީސް ޔާމީނާއި ރައީސް މައުމޫން އެއްގަލަކަށް އެރުވުމަކީ ދެން ނުވާނެ ކަމެއް ކަމުގައި ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު ކާނަލް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ކާނަލް ވިދާޅުވީ، ޕީޕީއެމް ދެބައިވެއްޖެ ކަމަށާއި، އެއީ މިހާރު ކޮންމެހެން ނުދައްކައި އޮއްބާލައިގެން ތިބެންޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ މިއަދުގެ ހަޤީގަތް ކަމުގައިވެސް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން ފަސްކުރުމަށް ނިންމި ނިންމުމުގެ އެއްސަބަބަކީވެސް ޕީޕީއެމް ދެބައިވެފައި ވުންކަން އެނގޭކަމަށެވެ. އަދި އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ނުސީދާ އިބާރާތުން އެވާހަކަ ބަޔާންކޮށްފައިވާ ކަމުގައި ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ސިޔާސީ ގޮތުން ކުރިޔަށް ވަޑައިގެންނެވުމަށްޓަކައި ރައީސް ޔާމީނާއި ރައީސް މައުމޫނާއި ދެބޭފުޅުންކުރެ ކޮންމެވެސް އެއްބޭފުޅަކު ޕީޕީއެމް ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި އެ ނޫންގޮތެއް މިހާރު ފެންނަން ނެތް ކަމަށެވެ.
"ޕީޕީއެމް ދެބައިވެއްޖެ. ރާއްޖޭގެ ހުރިހާ ރައްޔިތުން މިއަދު ޤަބޫލު ކުރައްވަންޖެހޭ ކަމަކީ ޕީޕީއެމް ދެބައިވެއްޖެކަން. ދެން ރައީސް މައުމޫނާއި ޔާމީން އެއްގަލަކަށް ނާރުއްވާނެ. ދެން މެމްބަރުންނަށް އޮންނާނީ އެމެމްބަރުން ތާއީދު ކުރާ ބޭފުޅަކާއި އެކު ކުރިޔަށް ދިޔުން. ކޮންމެވެސް އެއްބޭފުޅަކަށް ޕީޕީއެމްގައި ހުންނެވޭނީ. ޕީޕީއެމްގެ ލޯގޯ ލިބިވަޑައިގަންނަވާނީވެސް ކޮންމެވެސް އެއްބޭފުޅަކަށް" ނަޝީދު ވިދާޅުވިއެވެ.
ޑީއާރްޕީއަށް ވެގެން ދިޔަ ގޮތުގެ މިސާލުޖައްސަވަމުން ނަޝީދު ވިދާޅުވީ، ރައީސް މައުމޫނާއި އަހުމަދު ތަސްމީން އަލީ އާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުން ތަކުގައި މައުމޫން ޑީއާރްޕީ ދޫކޮށްލެއްވުމުން ތަސްމީނަށް އެޕާޓީ ލިބިވަޑައިގެންނެވި ކަމަށާއި، އެއީ އޭރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަމަށެވެ. ނަމަވެސް ރައީސް މައުމޫނާއި ނުލައި ޑީއާރްޕީ ނިކަމެތިވެ އެންމެ ފަހުން މެޖޯރިޓީ ލީޑަރުކަމުން މައިނޯރިޓީ ލީޑަރުކަމަށް ބަދަލުވެ އާޚިރުގައި މަޖިލީހުގެ ގޮނޑިވެސް ތަސްމީނަށް ގެއްލުނީ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ބޮޑު ކޯލިޝަނެއްގެ ތެރެއިން ރައީސް ޔާމީނަށް ވެރިކަމަށް އާދެވުނު އިރު، ކޯލިޝަން ރޫޅި އެންމެ ފަހުން ޕީޕީއެމްވެސް ދެބައިވެ، ދެފެކްޝަން އުފެދިފައިވާއިރު، 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ބޭނުން ފުޅުވާނަމަ، ރައީސް ޔާމީންވެސް ގޮތްތަކެއް ނިންމަވަންޖެހޭ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނުގެ ތާއިދު ލިބިވަޑައި ނުގަންނަވާނެކަން ޚުދު ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާކަމަށާއި އެހެން ކަމުން ރައީސް މައުމޫނާއި ނުލައި ކުރިޔަށް ދިޔުމަށް ރައީސް ޔާމީނުވެސް މަސައްކަތްޕުޅު ކުރައްވަންޖެހޭ ކަމަށެވެ. އެއް އުރައިގައި ދެކަނޑިއަށް ނޯވެވޭނެ ކަމަށް ވިދާޅުވެ މިސާލު ދައްކަވަމުން ނަޝީދު ވިދާޅުވީ، ދެ ރައީސުން ތިބެގެން ޕީޕީއެމަށް ކުރިޔަށް ނުދެވޭނެ ކަމުގައެެވެ.
ޕީޕީއެމަކީ ޑިއާރްޕީ ދެބައިވެ ވުމަށްފަހު އުފަންވެގެން އައި ޕާޓީއެކެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޭރު އޮތް ޑީއާރްޕީ ރައީސް މައުމޫން ދޫކޮށްލައްވައި ޕީޕީއެމް އުފެއްދެވުމާއި އެކު ޑީއާރްޕީ ވަނީީ ސިޔާސީ ގޮތުން މާބޮޑު ބުރަދަނެއް ނެތް ޕާޓީއަކަށް ވެފައެވެ. ޑީއާރްޕީވެސް ދެބައިވީ އެޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ މައްސަލައިގައި ކަމަށް ވާއިރު، މިއަދު ޕީޕީއެމް ދެބައިވެގެން ދިޔުމުގެ މައިގަނޑު ސަބަބަކީވެސް 2018 އަށް ޕާޓީން ރިޔާސީ ކެންޑިޑޭޓަކުން ނެރުމުގައި އުފަންވި މައްސަލަތައް ހައްލު ނުވުންކަމުގައި ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެހެން ނަމަވެސް ރިޔާސީ ކެނޑިޑޭޓުގެ މައްސަލަ ފެންމަތިވުމުގެ ކުރިންވެސް ރައީސް ޔާމީން، ރައީސް މައުމޫން ދެއްވި ލަފާފުޅުތައް ބޮލާލައި ޖައްސަވައި އަމަލުކުރެއްވި ގޮތްތަކުގެ ސަބަބުން ޓެރަރިޒަމާއި، ކަރަޕްޝަނާއި ފަސާދައިގެ އެތައް އަމަލެއް ހިނގައި ދައުލަތް ދަރަނިވެރިވެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔުން ރައީސް މައުމޫން ފާހަގަކުރައްވާފައި ވެއެވެ.
ޔާމީނާއި މައުމޫން އެއްގަލަކަށް އެރުވުމަކީ ދެން ނުވާނެ ކަމެއް: ކާނަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ