ގްރޭޑް 8 އިން ފެށިގެން ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ދޭނަން - ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގްރޭޑް 8 އިން ފެށިގެން ކޮންމެ ކުއްޖެއްގެ އަތުގައި ލެޕްޓޮޕެއް ހަމަޖައްސައިދޭނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީން މ.ކުނޫޒްގައި ބާއްވާ އެޕާޓީގެ ޖަލްސާގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވީ ގްރޭޑް 8 އިން ފެށިގެން މަތީ ގްރޭޑްގެ ކުދިންނަށް ލެޕްޓޮޕް ހަމަޖައްސާދިނުމަށްޓަކައި ދައުލަތުގައި ފައިސާ ނެތްކަމުގައިވާނަމަ އޭނާގެ އަމިއްލަ ހަރަދުގައި މިއްލަ ފައިސާއިންވެސް އެކަންކަން ނިންމަދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި ގުރޭޑު އަށަކުން ފެށިގެން ކޮންމެ ކުއްޖެއްގެ އަތުގައި ލެޕްޓޮޕެއްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން ދިވެހިރާއްޖޭގެ ހުރިހާ ކުދިންނަށް، ދައުލަތުގައި ފައިސާ ނެތްކަމުގައިވާނަމަ ޤާސިމްގެ އަމިއްލަ ފައިސާއިންވެސް އެކަންކަން ނިންމަދޭނަން" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތަކުގައި ކުރިއަށްގެންދާ ތަފާތު އެކި ކަންކަމަށް އަބަދުވެސް އަމިއްލަފުޅަށް ހަރަދުކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް ރޭ ވަނީ އިތުރު ވައުދުތަކެއް ވެސް ވެވަޑައިގެންފައެވެ.
ތަރައްގީ ގައިމު” މި ޝިޔާރުގެ ދަށުން މިއަހަރުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައިވާ ގާސިމް ވިދާޅުވީ އެޕާޓީގެ ވެރިކަމެއްގައި ޖީސީއޭލެވެލް ފަސް މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށް ޑިގްރީއަށް ކިޔަވައިދެވޭނެ ފުރުސަތު ގާއިމުކޮށްދޭނެ ކަމަށާއި އޭގެއިތުރުން ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ރަށްރަށުގައި ޕްރީ ސުކޫލު އަޅައިދިނުމަށް ވައުދުވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ވެރިކަމާއި ހަވާލުވާ ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ ސުކޫލު ޤާއިމުކޮށްދޭނަން. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޕާޓީގެ ވެރިކަމެއްގައި ބޮޑު ބައްޔެއްގައި ބޭސް ފަރުވާނުކުރެވި ރާއްޖޭގައި އެއްވެސް މީހަކު މަރުވެގެން ނުދާނެ ކަމަށާއި އެގޮތުން ކުޅުދުއްފުއްޓާއި އައްޑުއަތޮޅު ހިތަދޫ ހޮސްޕިޓަލް މާލޭގައި ހުރި ފެންވަރުގެ ހޮސްޕިޓަލަކަށް ހަދާ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މާލޭގެ ސަރުކާރު ހޮސްޕިޓަލުން ކުރެވޭ ހުރިހާ ކަމެއް އެތަންތަނުން އެއަށްވުރެ މޮޅަށް ކުރެވޭ ގޮތަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން ދެ އަހަރުގެ ތެރޭގައި އަސާސީ ހިދުމަތްތަކުގެ ގޮތުގައި ބެލެވޭ މުހިއްމު ދެ ހިދުމަތެއް ކަމަށްވާ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކޮށްދެއްވާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ރޭ ވައުދުވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވެރިކަމުގެ ދެވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންހޮޅިއާއި ނަރުދަމާ މަސައްކަތްކޮށް ނިންމާނެ އެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ސިއްޙީ ޚިދުމަތްތައް މިހާރު ލިބެން ހުރި ފެންވަރާއި މިންވަރު ރައްޔިތުންނަށް ރަނގަޅަށް އެނގޭ ކަމަށާއި މިފަދަ ނިކަމެތި ހާލަތުގައި މިކަންކަން މިއޮތީ ރާއްޖެތެރޭގެ ރައްޔިތުން އުޅެމުން އަންނަ ނިކަމެތި ޙާލަތާއި ޞިއްޙީ ފަރުވާ ހޯދުމަށް ރާއްޖެތެރޭގެ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ބޮޑު ތަކުލީފާއި ކުރަންޖެހޭ ޚަރަދު އިޙްޞާޞް ނުކުރެއްވޭ މާލޭގެ ބޭފުޅުން ވެރިކަން ކުރައްވަމުން ގެންދަވާތީ ކަމަށެވެ.
"ވީމާ މިހައިތަނަށް ކުރެވިފައިވާ ތަޖުރިބާތަކަށް ބަލައި ބަދަލެއް ގެންނަން އެބެޖެހޭ. އެ ބަދަލަކީ ރާއްޖެތެރޭގެ މީހަކަށް ވެރިކަން ކުރަން ފުރުޞަތު ލިބުން. ރައްޔިތުންގެ އިޙްޞާބްތަކާއި ކަންކަން ތަޖުރިބާ ކުރެވިފައިވާ މީހަކަށް ވެރިކަން ކުރުމުގެ ފުރުޞަތު ލިބުން." ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ