އަބްދުﷲ ގާޒީ ހައްޔަރުކުރީ ނަޝީދުގެ އަމުރަށް - އިބްރާހިމް ދީދީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވަނީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ކަމަށް އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުވާ އިއްވުމުން އިބްރާހިމް ދީދީ ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށާއި އަބްދުﷲ ގާޒީ ހައްޔަރުކުރީ އޭނާ ނޫން ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަމުރު ކުރައްވައިގެން އޭރުގެ ޑިފެންސް މިނިސްޓަރު ކަމަށާއި އެކަމުގައި އިބްރާހީމް ދީދީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
އެހެންކަމުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އޭނާ އެއްވެސް އަމުރެއް ކުރައްވާފައި ނުވާނެ ކަމަށާއި ޑިފެންސް މިނިސްޓްރީން ކޮށްފައިވާ ކަމެއްގެ މައްޗަށް އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އެގޮތުން އޭނާ ވިދާޅުވީ 6 ފެބްރުއަރީގައި އޭނާ މަސައްކަތް ކުރެއްވީ ގާނޫނީ ސަރުކާރު ހިމާޔަތް ކުރައްވަން ކަމަށާއި ނަމަވެސް އެ މަސައްކަތާ ދެކޮޅު ހެދި ބަޔަކު ހެކި ބަސް ދޭން ހުށަހަޅާފައިވުމުން ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އިބްރާހީމް ދީދީގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ އައިޝަތު ފަޒްނާ ވިދާޅުވީ އިބްރާހިމް ދީދީ މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުރެ އޭރުގެ ސިފައިންގެ އެންމެ މަތީވެރިޔާގެ އެންގުމަށް ހިންގި އޮޕަރޭޝަނެއްގައި، އެ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހުރެ 17 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާތީ އިބްރާހިމް ދީދީގެ މައްޗަށް، ކުށްނުކުރާ މީހަކު ހިފާ ހައްޔަރުކުރުމުގެ ދައުވާކުރާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި އިބްރާހީމް ދީދީގެ ފަރާތުން ވަނީ އިޖުރާއީ ދެ ނުކުތާއެއް ނާގަފަ އެވެ. އެގޮތުން ކުށްނުކުރާ މީހަކު ހިފާ ހައްޔަރުކުރުމުގެ ދައުވާއަކީ ކުރިން ކުރާ ދައުވާއަކަށްނުވާތީ އެކަމާ މެދު ވިޝާމް ސުވާލު އުފެއްދެވި އެވެ. އަދި އަބްދުﷲ ގާޒީ އަކީ ކުށްނުކުރާ މީހެއްކަން ދައުލަތުން ސާބިތުކޮށްދެވިފައިވޭތޯ ވިޝާމް ސުވާލު އުފެއްދެވި އެވެ.
ވަކީލާ ފަޒުނާ ވިދާޅުވީ 1979 ވަނަ އަހަރާއި 1980 ވަނަ އަހަރާ ދޭތެރޭގައި ވެސް މިފަދަ ދައުވާއެއް ކޮށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް އެކަމާ ބެހޭ ލިޔުންތައް ހުށަހަޅާނެ ކަމަށެވެ. ދެ ވަނަ ނުކުތާއާ ގުޅިގެން ފަޒްނާ ވިދާޅުވީ ކުށް ސާބިތުނުވާ ކޮންމެ މީހަކީ ކުށެއް ނެތް މީހެއް ކަމަށް ގާނޫނު އަސާސީގައި އޮތުމުން އަބްދުﷲ ގާޒީއަކީ ކުށެއް ނެތް މީހެއް ކަމަށް ބެލެވޭނެ ކަމަށެވެ.
ޖުރާއީ ނުކުތާތަކާ މެދު ޝަރީއަތުން ނިންމި ގޮތް އިއްވަމުން ފަނޑިޔާރު ސުޖާއު އުސްމާން ވިދާޅުވީއެ ދެ ނުކުތާއަކީ ވެސް އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭފަދަ ނުކުތާތަކެއް ނޫން ކަމަށާއި އެހެންކަމުން އެ މައްސަލައިގެ ހުކުމް އިއްވާއިރު އެކަމާ މެދު ވެސް ގޮތެއް ނިންމާނެ ކަމަށެވެ.
އިބްރާހީމް ދީދީ ދައުވާ އަށް އިންކާރު ކުރައްވާފައިވާތީ އޭނާގެ މައްޗަށް ދައުވާ ސާބިތުކުރާން ދައުލަތުން މިއަދު ވަނީ 21 ހެއްކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އަބްދުﷲ ގާޒީ އާއި އޭނާ ހައްޔަރުކުރި އިރު ނަގާފައިވާ ވީޑިއޯ ފުޓޭޖެއްގެ އިތުރުން ބައެއް ލިޔެކިއުންތައް ވެސް ދައުލަތުން ހުށަހެޅި އެވެ.
މިމައްސަލައިގެ އަޑު އެހުމެއް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.އަދި އެ ދުވަހު އޮންނާނީ ހެކީންގެ ހެކިބަސް ނެގުމެވެ.
އިބްރާހިމް ދީދީއާ އެކު އެ މައްސަލައިގައި ދައުވާކުރަނީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ