ސަރުކާރު މެމްބަރުންގެ ތާއީދާ އެކު އަރްމީނިއާގެ ބޮޑުވަޒީރު ކަމަށް އިދިކޮޅު ލީޑަރު

ޔެރެވަން (މޭ 8): އަރްމީނިއާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ބޮޑުވަޒީރު ކަމަށް އިދިކޮޅު ލީޑަރު، ނިކޯލް ޕަޝްނިޔަން ހޮވައިފި އެވެ. އަރްމީނިއާގެ ސިވިލް ކޮންޓްރެކްޓް ޕާޓީގެ ލީޑަރު ކަމަށްވާ ޕަޝްނިޔަން ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ 59 މެމްބަރުން ވޯޓުދެއްވި އެވެ. އަދި އެނިންމުމާ ދެކޮޅަށް 42 މެމްބަރުން ވޯޓު ދެއްވި އެވެ. އަރްމީނިއާގެ ބޮޑުވަޒީރުގެ މަގާމު ހުސްވީ އެގައުމުގައި އޮތް ސަރްޒް ސަގްސަޔަންގެ ވެރިކަމާ ދެކޮޅަށް، 'ވެލްވެޓް ރިވޮލިއުޝަން'ގެ ނަމުގައި ރައްޔިތުން ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެންނެވެ. މިދިޔަ މަހުގެ 23ގައި ސަގްސަޔަން އިސްތިއުފާ ދެއްވީ އެމުޒަހަރާތަކުގައި ގައުމުގެ ސިފައިން ބައިވެރިވި ފަހުންނެވެ. އަދި އެއަށް ފަހު ބޮޑުވަޒީރުގެ މަގާމަށް ގާނޫނު ހަދާ މަޖިލީހަށް ނަން ހުށަހެޅި ހަމައެކަނި ކެނޑިޑޭޓަކީ ޕަޝްނިޔަން އެވެ. ނަމަވެސް އެމަޖިލީހުގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ ސަގްސަޔަންއަށް ވޯޓު ދޭން ފުރަތަމަ ދެކޮޅު ހަދައިފަ އެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ އަނެއްކާ ވެސް މުޒާހަރާކޮށްފަ އެވެ. އަދި ރިޕަބްލިކަން މެމްބަރުން ވަނީ ގައުމުގެ އެއްބައިވަންތަކަމަށް ޓަކައި، މިއަދު މަޖިލީހުގައި ނަގާ ވޯޓުގައި ޕަޝްނިޔަންއަށް ވޯޓު ދޭނެ ކަމަށް ވިދާޅުވެފަ އެވެ. ސަގްސަޔަން ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ގައުމުގެ ރައީސްކަން ކުރައްވާތާ 10 އަހަރު ފަހުންނެވެ. އަދި ގައުމުގެ ހިންގުމުގެ ބާރުތައް ބޮޑުވަޒީރަށް ލިބޭ ގޮތަށް 2015 ވަނަ އަހަރު ގާނޫނު އަސާސީ ބަދަލު ކުރި ފަހުންނެވެ. (ބީބީސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ