ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ. 
އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތީ، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނުލިބުމާއި ގުޅިގެން މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރުމަށެވެ. ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވިކަން އުމަރު ނަސީރު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. 
އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯދުމަށެވެ. އޭރު އުމަރު ނަސީރު ވިދާޅުވެފައިވަނީ ޤާސިމް އިބްރާހިމަށް ވާދަނުކުރެވޭ ހާލަތެއްގައި އެ ޕާޓީގެ ޓިކެޓު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ހިމެނޭގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރޭތީވެ، އުމަރު ނަސީރަށް ވަނީ އެ ޕާޓީގެ ޓިކެޓް ލިބިވަޑައިގަންނަވާގޮތް ނުވެފަ އެވެ. 
ރިޔާސީ އިންތިހާބުގެ ކެމްޕޭން ފަށައި، އުމަރު ނަސީރު މިހާރު ވަނީ އޭނާގެ ރިޔާސީ ވައުދުތައްވެސް އިއުލާންކުރަން ފަށައިފަ އެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ވައުދެއްގެ ގޮތުން އުމަރު ވެވަޑައިގެންފައިވަނީ އަގު ހެޔޮކޮށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންނެވި ވައުދު އެވެ. 
އުމަރު ނަސީރު ވިދާޅުވީ، މާލޭގައި އެއް ކޮޓަރިއެއްގައި ވަރަށް ހާލުގައި ރައްޔިތުން ދާއިމީ ގޮތެއްގައި ދިރިއިޅެމުން އަންނަ ކަމަށާއި އެކަން ހައްލުކުރުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބި ވަނީ ހުރިހާ ސަރުކާރަކުން ވެސް އެކަމުގައި ވިޔަފާރީގެ މޮޑެލެއް ގެންގުޅިފައިވާތީ ކަމަށެވެ. 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ