އުމަރު އަނެއްކާވެސް ޖޭޕީ ދޫކޮށްލައިފި

އަމިއްލަ ގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަންނަވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ހުންނެވި އުމަރު އެންމެ ފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ 14 ޑިސެންބަރ 2017 ގައެވެ.
އޭގެކުރިންވެސް އުމަރުވަނީ ޖޭޕީއަށް ސޮއިކުރައްވާފައެވެ. އެފަހަރު އުމަރު ޖޭޕީއަށް ވަޑައިގެންނެވީ ޕީޕީއެމްގައި ހުންނެވުމަށްފަހުގައެވެ. އެއީ 2013 ވަނަ އަހަރު ރިޔާސީ ޕްރައިމަރީގައި ޕީޕިއެމްގެ ތެރޭގައި ބަލިވެ އެ ޕާޓީން ބޭރުކޮށްލުމުންނެވެ. ޖޭޕީގެ ޓިކެޓުގައި ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވުމަށްފަހު ޖޭޕީ ކޯލިޝަނުން ވަކިވެ އެމްޑީޕީއާއި ގުޅުނު ހިސާބުން އުމަރު ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.
އެފަހަރު އުމަރު ނަސީރު ޖޭޕީން ވަކިވެވަޑައިގެންނެވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއަށްފަހު އަނެއްކާވެސް ހުންނެވީ ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމަށް ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަޤާމުގައެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޖޭޕީން ވަކިވެވަޑައިގެންނެވި ނަމަވެސް މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަޤާމުން އިސްތިއުފާދެއްވަން ޖެހުނު ހިސާބުން އުމަރުވަނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަމަށާއި އޮންނަވާނީ ގޭގައި ޓީވީ ބައްލަވަން ކަމަށް ވިދާޅުފައެވެ.
އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުމަރު އިސްވެ ހުންނަވާ ފަހުންވަނީ އިސްލާމިލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދާ އެޕާޓީގެ ރައީސްކަން ކުރައްވާފައެވެ. ނަމަވެސް ފަހުން އެޕާޓީ އުވާލަން ނިންމާ އުމަރު އޭރު ރައީސް މައުމޫނު އިސްކޮށް ހުންނެވީ ޑީއާރުޕީއާއި ގުޅިވަޑައިގެންނެވިއެވެ.
އުމަރު އައިޑީޕީއާއި ޑީއާރުޕީއަށް އެއް ފަހަރު ވަޑައިގެންނެވި ނަމަވެސް ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއަށް ދެ ފަހަރުވަނީ ވަޑައިގަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ